މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު މައްސަލައެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައިވާއިރު، އެ މައްސަލާގައި ސޮއިކުރެއްވި10 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރުގެ ސޮއި އަނބުރާ ގެންފަވައިފިއެވެ.
ވަޒީރެއްގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަދުވެގެން10 މެންބަރެއްގެ ސޮއި ބޭނުންވާއިރު، ޖާބިރު ސޮއި ގެންދެވުމުން މި މައްސަލައިގެ ސައްހަކަން ގެއްލި، މައްސަލަ ބޭރުވާނެއެވެ.
ސޮއި ގެންދެވިކަން މަޖިލިސްއަށް އަންގަވއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް،
މެންބަރު ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިންރިސޯސަސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ އޮނަރަބްލް ޒަހާ ވަޙީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއިކުރި ލިޔުމުގައި އޭނާ ސޮއިކޮށްފައިވަނީ، ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިންރިސޯސަސްގެ މަޤާމުގައި ހުންނަވައި، އެކަމަނާ އާއި ޙަވާލު ކުރައްވާފައިވާ މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ސިނާޢަތަށް ލިބެމުންދާ ގެއްލުންތައް ބޮޑުކަމާއިއެކު، ދައުލަތުގެ ވަޒީރަކާއި ސަރުކާރުން ޙަވާލު ކުރައްވާފައިވާ
މަސްއޫލިއްޔަތު އެވަޒީރަކު ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ފާހަގަ ކުރެވޭތީ ކަަމަށެވެ.
އެހެންކަމުން، އެކަމަށްޓަކައި ވަޒީރަކު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގައި ދެމިހުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް
ކަމަށް ޤަބޫލު ކުރެވޭތީ، ދިވެހިރާއްޖޭގެ މަސްވެރިންނާއި، ދަނޑުވެރިންގެ ޙައްޤުގައި، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ މަތިވެރި ނިޔަތާއި ބޭނުމުގައި ކަމަށެވެ.
"އިސްވެ ބަޔާންކުރެވުނު ފަދައިން މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިންރިސޯސަސްގެ މަޤާމުގައި ހުންނެވި ވަޒީރު ޖަވާބުދާރީ ކުރުވުމަށްޓަކައި ހުއްޓުމެއްނެތި އަޅުގަނޑު މަސައްކަތް ކުރަމުން އަންނަނިކޮށް، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން، ދިވެހިރާއްޖޭގެ ކަނޑުގެ ޚަޒާނާ ހުޅުވާލުމަށާއި އަދި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލު ގެނެސް ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމީ، ދިވެހި މަސްވެރިންނާއި، ދަނޑުވެރިންގެ ޙައްޤުގައި އަޅުގަނޑު ކުރަމުން އައި
މަސައްކަތްތަކުގެ ނަތީޖާ ފެނިގެން ދިއުން ކަމަށް ޤަބޫލު ކުރެވޭތީ، މިހިނދަށް އެވަޒީރަށް އިތުބާރުކޮށް، މިނިސްޓަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށް އަޅުގަނޑު ކޮށްފައިވާ ސޮއި އަނބުރާ ގެނެސް، މިވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، އަދި މަޖިލީހުގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.''
އެ ސިޓީގައި ޖާބިރު ވިދާޅުވެފަ ވެއެވެ.
އޭގެއިތުރުން އެ ސިޓީގައި ޖާބިރު ވިދާޅުވެފައި ވަނީ، ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ، އަދި ރައްޔިތުން ހިތްހަމަޖެހޭ ފަދައިން ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާ އަށް ލިބެމުންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!