ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާދީއްތަ ދުވަހުގެ ރޭ ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރި މެޗުން ސްޕެއިން ފަހުވަގުތު މޮޅުވިއިރު، ޖަރުމަނާއި ރޮމޭނިއާ ބައްދަލުކުރި މެޗުން ޖަރުމަނު މޮޅުވެއްޖެއެވެ.
ޖޯޖިއާގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލަނޑުޖަހައި ޖޯޖިއާއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކްވާރަޓްސްހީލިއާއެވެ.
މެޗުގެ ދެވަނަ ހާފު ސްޕެއިނުން ފަށާފައިވަނީ އެއް ލަނޑުން ފަހަތުގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސްޕެއިނުން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެރާން ޓޮރޭސްއެވެ. ސްޕެއިނުން ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުން އެ ޓީމް މޮޅުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގައި ޑެނިއެލް އޮލްމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ގްރޫޕް ބީގައި މިވަގުތު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ސްވިޑަންއެވެ. ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ސްޕެއިން އޮތީ މި ގްރޫޕްގެ ދެވަނާގައެވެ. މި މެޗުން ބަލިވި ޖޯޖިއާ އޮތީ ގުރޫޕުގެ ހަތަރު ވަނާގައެވެ.
ގްރޫޕް ޖޭގައި ޖަރުމަނާއި ރޮމޭނިއާ ބައްދަލުކުރު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޖަރުމަނުންނެވެ.
ޖަރުމަނުން މި މެޗުގައި ވަނީ ރަނގަޅު ކުޅުމެއްދައްކައި ގިނަ ހަމަލާތަކެއް ރޮމޭނިއާގެ ގޯލަށް ފޮނުވާލާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ގްނަބްރީއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ހަވާޓްޒްގެ އެހީތެރިކަމާއި އެކުގައެވެ.
މި ގްރޫޕުގެ އެއްވަނާގައި މިވަގުތު ޖަރުމަނު އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ހަ ޕޮއިންޓާއިއެކުގައެވެ. މި ގްރޫޕްގެ ދެވަނާގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށް ލިބު ހަ ޕޮއިންޓާއި އެކު އޮތީ އާމޭނިއާއެވެ. މެޗުން ބަލިވި ރޮމޭނިއާ އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު މި ގްރޫޕްގެ ހަތަރުވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!