ވެންޓިލޭޓަރު މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފަހުން ހުށަހެޅި މަޢުލޫމާތުތައް ރިވިއުކޮށް ބެލުމުންވެސް ޖިނާޢީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ އުންޞުރުތައް ފުރިހަމަ ވެދާނެކަމަށް ނުފެންނާތީ ކުރިންވެސް ނިންމިގޮތަށް އެމަސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެ އޮފީހުން ނިންމި ނިންމުމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން ހުންނާނެކަން ޤަބޫލުކުރަށްވާ ކަމަށެވެ.

Ad
rt

އޭސީސީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ޕީޖީ އޮފީހުގެ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ނުކުތާތައް ވިދާޅުވެ، ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކުރަށްވައި، އޭސީސީން ދެއްވި މައުލޫމާތުގައި، ޕީޖީ އޮފީހަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުދީ އޮތްކަމަށް ވިދާޅުވި ނަމަވެސް، އޭސީސީން، ޕީޖީ އޮފީހަށް ފޮނުއްވާފައިވާ އެއްވެސް ސިޓީއަކަށް ޖަވާބު ނުދެވި ވާކަމަކަށް ޕީޖީ އޮފީހުގެ ރެކޯޑުތަކުން ފެންނަންނެތް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފަ ވެއެވެ.

''ޖިނާއީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމުމަކީ ޤާނޫނުއަސާސީން މިއޮފީހަށް ލިބިފައިވާ ބާރެކެވެ. ޤާނޫނުއަސާސީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އޮންނަނީ ތަޙުޤީޤު ކުރުމަށްފަހު މައްސަލައިގައި ހޯދިފައިވާ ހެކިތައް މިއޮފީހަށް ފޮނުއްވުމެވެ. މި އޮފީހުން މި މައްސަލައިގަ ގޮތް ނިންމުމުގައިވެސް ބަލާފައިވާނީ ތަޙުޤީޤަށް ހޯދިފައިހުރި ހެކިތަކުގެ މައްޗަށެވެ. ނަމަވެސް، މިމައްސަލައިގައި މިއޮފީހުން ނިންމި ގޮތާމެދު އެންޓި ކޮރަޕްޝަނުން އިންތިހާއަށް ހިތްހަމަޖެހިވަޑައިނުގަންނަވާތީއާއި، މިއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ، މިމައްސަލައިގައި މިއޮފީހުން ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް މިއޮފީހުން ނިންމައިފީމެވެ.'' ޕީޖީ އޮފީހުން ވިދާޅުވެފަ ވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އެ ނިންމުން މުރާޖަޢާ ކުރާއިރު، މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައްވެސް ވަކިން ގެނެސް، އިތުރަށް ތަޙުޤީޤުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ތަޙުޤީޤު ކުރުމަށް އޭސިސީއަށް އިރުޝާދު ދިނުމަށްވެސް ޤަޞްދުކުރާ ކަމަށެވެ.

''ޤާނޫނީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން، ޖިނާއީ މައްސަލައެއްގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމުމުގައި މިއޮފީހުން ބަލަންޖެހެނީ ދެކަމަކަށެވެ. ފުރަތަމަ ކަމަކީ އެމައްސަލައެއްގައި ދަޢުވާ ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ހުރިތޯއެވެ. ދެވަނަ ކަމަކީ ޢާންމު މަޞްލަޙަތު އޮތް މިންވަރެވެ. ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޢާންމު މަޞްލަހަތު އޮތްކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް، މިމައްސަލައިގައި ޖިނާއީ ދަޢުވާއެއް ކުރެވޭ މިންވަރަށް ހެކި ހުރި މިންވަރާމެދު އޮތީ ސުވާލު އުފެދިފައެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނީ ނިޒާމުގައި، ދަޢުވާކުރާއިރު ޚިޔާލީ ވާހަކައެއް ނުދެއްކޭނެއެވެ. ދަޢުވާގެ ކޮންމެ ޢިބާރާތެއް، ހެއްކާއެކު ސާބިތުކޮށްދޭންޖެހެއެވެ. އެކަމުގައި މިއޮފީހުން ބަރޯސާވަނީ، މައްސަލައިގައި ތަޙުޤީޤީ އިދާރާތަކުން ހޯއްދަވާފައިވާ ހެކިތަކަށެވެ. އެއީ، ޝަރުޢީ ކޯޓެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރެވިދާނެ މިންވަރުގެ ހެކިތޯ ނުވަތަ ނޫންތޯއެވެ.'' ޕީޖީ އޮފީހުން ވިދާޅުވެފަ ވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލާގައި އެ އޮފީހުން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމުގައި، ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަޙުޤީޤުކުރުމުގައި ފުލުހުންގެ އެހީތެރިކަން އޭސީސީއަށް ދިނުމަށް ފުލުހުންގެ މުއައްސަސާއަށް އެންގުމަށްވެސް ނިންމާފާވާ ކަމަށެވެ. އަދި އޭގެ ފަހުން މައްސަލަ ދިރާސާ ކުރުމަށްފަހު އަލަށް ހޯދޭ ހެކިތަކުގެ އަލީގައި ނިންމުން މުރާޖައާ ކުރުމަށްވެސް އެ އޮފީހުން ވަނީ ނިންމާފަ ކަމަށެވެ.