ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލެންޑާއި ކޮރޭޝިއާ ކުޅުނު މެޗުތައް އެ ޓީމްތަކުން ކާމިޔާބު ކުރިއިރު ޕޯޗުގަލްއާއި ބެލްޖިއަމް ކުޅުނު މެޗުތައް އެއްވަރު ވެއްޖެއެވެ.

ހޮނހިރު ދުވަހުގެ ރޭ ގްރޫޕް ޖީގައި ނެދަލެންޑާއި ލެޓްވިއާ ބައްދަލުކުރި މެޗު ނެދަލެންޑުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ.

Ad
rt

ނެދަލެންޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސްޓީވެން ބާހިއުސްއެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ އެ ޓީމްގެ އުންމީދީ މިޑްފީލްޑަރ ޑި ޔޮންއެވެ. ނެދަލެންޑްގައި ކުޅުނު މި މެޗު ބެލުމަށްޓަކައި ދަނޑަށް ވަނީ 5،000 ސަޕޯޓަރުން ވައްދާފައެވެ.

ގްރޫޕް އެޗްގައި ކޮރޭޝިއާއާއި ސަޕްރަސް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ކޮރޭޝިއާއެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މި މެޗުގައި ކޮރޭޝިއާއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ލަނޑެކެވެ. މި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މާރިއޯ ޕަސަލިޗްއެވެ.

މި ގްރޫޕްގެ ކޮންމެ ޓީމެއް ދެ މެޗް ކުޅެފައިވާއިރު ކުޅުނު ދެ މެޗު ކާމިޔާބު ކޮށްގެން ހަ ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ރަޝިޔާއެވެ. ދެވަނާގައި 3 ޕޮއިންޓާއިއެކު ސްލޮވޭނިއާ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން މި ގްރޫޕްގެ ތިންވަނާގައި އޮތީ ކޮރޭޝިއާއެވެ. މި މެޗުން ބަލިވި ސައިޕްރަސް އޮތީ ދެ މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު މި ގްރޫޕުގެ ފަސްވަނާގައެވެ.

ގްރޫޕް އޭގައި ޕޯޗުގަލްއާއި ސާބިއާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފުގައި ޕޯޗުގަލްއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 11 ވަނަ މިނެޓާއި އަދި 36 ވަނަ މިނެޓުގައި ޖެހި މި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލިވަޕޫލަށް ކުޅެމުން އަންނަ ޑިއެގޯ ޔޮޓާއެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ސާބިއާގެ މިޓްރޮވިޗް ވަނީ ލަނޑުޖަހައި އެ ޓީމަށް އުންމީދު އައު ކޮށްދީފައެވެ. މި ލަނޑާއިއެކު ސާބިއާއިން ކުޅުން ރަނގަޅު ކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން މެޗުގެ 60 ވަނަ މިނެޓުގައި އިތުރު ލަނޑެ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ފިލިޕް ކޮސްޓިޗެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ތިން މިނެޓުގެ ވެސް އެންމެ ފަހު ވަގުތު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސާބިއާގެ ގޯލަށް ފޮނުވާލި ހަމަލާ ގޯލު ލައިން ހުރަސްކުރި ފަހުން ވަނީ ސާބިއާގެ ޑިފެންޑަރ ސްޓެފާން މިޓްރޯވިޗް ދިފާއު ކޮށްފައެވެ. ބޯޅަ ގޯލުގެ ލައިން ހުރަސްކުރި ނަމަވެސް މެޗުގެ އޮފިސަލުން ވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ. މި ނިންމުމުގެ ސަބަބުން ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި ރެފްރީ މެޗު ނިންމާލުމުގެ ކުރިން ރޮނާލްޑޯ ވަނީ ދަނޑު ދޫކޮށް ގޮސްފައެވެ.

މި ގްރޫޕުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓާއިއެކު ސާބިއާ މިވަގުތު އޮތްއިރު ދެވަނާގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ޕޯޗުގަލްއެވެ.

ގްރޫޕް އީގައި ޗެކްރިޕަބްލިކާއި ބެލްޖިއަމް ބައްދަލު ކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖައިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ޗެކްރިޕަބްލިކުންނެވެ. މި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ލޫކަސް ޕްރޮވޯޑެވެ. އޭގެ ދިހަ މިނޓް ފަހުން ބެލްޖިއަމްގެ ފޯވާޑް ލުކާކޫ ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ގްރޫޕްގެ އެއްވަނާގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު އޮތީ ޗެކްރިޕަބްލިކެވެ. ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ދެވަނާގައި އޮތީ ބެލްޖިއަމްއެވެ. ޗެކްރިޕަބްލިކަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.