މާލޭގެ މޭޔަރުކަން ކުރެވޭނީ ''މޭޔަރަކަަށް''ކަމަށާއި، އެ ބޭފުޅަކީ ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުކަމަށް، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވެސް ހިމެނި ވަޑައިގެންނެވި، މާލޭ ސިޓީގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި، މިހާރުވެސް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ ޑރ. މުޢިއްޒުގެ ކެމްޕޭނަށް ޚާއްޞަކޮށްގެން ''މުޢިއްޒު ޓީވީ''އިން ގެނެސްދޭ ''ވައި މުޢިއްޒު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އަންނަ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް 3 ބޭފުޅެއް ވާދަ ކުރަށްވާއިރު، އޭގެ ތެރެއިން ޑރ. މުޢިއްޒު ޚިޔާރުކުރެއްވީ ކީއްވެތޯ އެ ޕްރޮގްރާމްގެ ޕްރެޒެންޓަރ އިކްރާމް، ރުކުމާއާއި ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރުކުމާ ވިދާޅުވީ، ޑރ. މުޢިއްޒަކީ އޭނާ ކުރިން ވާހަކަ ދައްކަވާ އުޅުއްވި ބޭފުޅެއް ވެސް ނޫން ކަމަށެވެ.

އަދި އޭނާ އިދިކޮޅުގައި ހުންނެވިއިރު، އެދުވަސްވަރު ޑރ. މުޢިއްޒާ ދެކޮޅަށް މަޖިލިސްގައި ކުރެވުނު މަސައްކަތްތަކުގައި ބައިވެރިވެފައި ހުންނާނޭ ކަމަށް ވެސް ރުކުމާ ވިދާޅުވިއެވެ.

''އަޅުގަނޑު ޑރ. މުޢިއްޒު އެންޑޯޒްކުރަން ނިންމި ވަރަށް ގިނަ ސަބަބުހުރި، ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ތެރޭގައި އަދި މާލޭގެ މޭޔަރުކަށް، މޭޔަރުކަން ކުރެވޭނީ މޭޔަރަކަށް، އިނގޭތޯ، ދެން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ތެރޭގައި އަޅުގަނޑަކަށް މޭޔަރެއް ނުފެނޭ ޑރ. މުޢިއްޒު ފިޔަވާ، ދޮގުނަހަދާ ބުނާ ކަމަށްވަންޏާ ޑރ. މުޢިއްޒުވަނީ މުޅި ދިވެހިރާއްޖެގެ މޭޔަރުކަން ކުރަށްވާފަ އޭގެ ތަޖުރިބާ ހާސިލްކުރައްވައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެ މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވީ، މުޅި ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ބަލައިލިއިރުގައި ކުރެވުނު މަސައްކަތަށް ބަލާފައި މާލޭގައި މިހިރަ މައްސަލަތައް ހައްލުކޮށްލަން ޑރ. މުޢިއްޒު ހޮވުން އެއީ ފެންމެޓާއޭ އަޅުގަނޑު ބުނާނީ،'' ރުކުމާ ވިދާޅުވިއެވެ.

ރުކުމާ ވިދާޅުވީ މާލެ ސިޓީގައި ހައްލު ކުރަންޖެހޭ ބޮޑެތި މައްސަލަތަކެއް އެބަ ހުރިކަމަށެވެ. އެކަންކަން ހައްލު ކުރުމަކީ މަސައްކަތުގެ ތަޖުރިބާއާއި، ހުނަރު އަދި ޢިލްމް ހުރިމީހަކަށް އުނދަގޫ ކަމެއް ނޫންކަމަށާއި، މާލޭގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ ކެންޑީޑޭޓުންކުރެ، ޑރ. މުޢިއްޒަކީ އެ ގާބިލުކަން ހުރި ހަމައެކަނި ކެންޑިޑޭޓުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މާލެއަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން މިހާރުވެސް ޑރ، މުޢިއްޒުގެ މޭސްތިރިކަމުގެ ދަށުން ވަނީ ލިބިފައި ކަމަށެވެ.

''އަޅުގަނޑަށް ދިމާވާމީހުންގެ ސުވާލަކީ ޑރ. މުޢިއްޒުއައީމަ ކިހިނެއްހޭ ވާނީ ސަރުކާރަކީ އެމްޑީޕީގެ ނުވަތަ ކޯލިޝަންގެ ސަރުކާރެކޭ، ދެން ޑރ. މުޢިއްޒު އައީމަ ކިހިނެތްހޭ ވާނީ، ޤާނޫނުން އޭގެ ޖަވާބު ވަރަށް ސާފްކޮށް ފެންނަން އެބައޮތް، މޭޔަރަކަށް ލިބިގެންވާ އިޚްތިޔާރުތަކާއި ބާރުތަކާއި، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ބޭނުންކުރެވޭނެ ރިސޯސަސްއަކީ ކޮބައިކަމާއި، އަދި އެއިން އާމްދަނީ ހޯދަން ކުރެވޭނެ މަސައްކަތްތަކާއި، ތަރައްގީގެ މަޝްރޫޢުތައް ގެންދެވޭނެ މަގުޗާޓެއް ވަރަށް ރީއްޗަށް ޤާނޫނުގެ ތެރެއިން ބަޔާންވެފައި އެބައޮތް،'' ރުކުމާ ވިދާޅުވިއެވެ.

''ދެން އެވާހަކަ ދައްކާމީހުންކައިރީ އެބަޖެހޭ އަހާލަން ކައުންސިލެއް އުފެދިގެން 10 އަހަރުވީ، 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާއިހަމައަށްއައި މާލެ ސިޓީކައުންސިލް 3 ދައުރެއް ނިމިގެން ގޮސްފި، މާލޭ ސިޓީކައުންސިލްގެ ފުށުން މާލޭގެ ރައްޔިތުންނަށް ފެނިއްޖެ، މުޙައްމަދު ނަޝީދުގެ ވެރިކަން ވެސް، ޑރ. ވަޙީދުގެ ވެރިކަން ވެސް، ރައީސް ޔާމީންގެ ވެރިކަންވެސް އަދި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ވެސް ފެނިއްޖެ، ނަމަވެސް މި11 އަހަރުގެ ތެރޭގައި ކައުންސިލަކުން ކުރަންޖެހޭ ކަންކަންކަމަށް ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ނުވަތަ ގާނޫނުން ބުނާ ފޮނިމީރުކަން ރައްޔިތުންނާއި ހަމައަށް ލިބިއްޖެތޯއެއީ މާލޭގެ ރައްޔިޔުން ކުރާ ސުވާލެއް،'' އޭނާ އިތުރަށް ވިދާޅުވިއެވެ.

އެ ސުވާލު އަދި އެ އުންމީދު މާލޭގެ ރައްޔިތުންގެ ކިބާގައި އެބައޮތް ކަމަށާއި، އެ އުންމީދު ހަގީގަތަކަށް ވެގެންދާނީ އެކަން ކުރެވޭފަދަ ގާބިލު ކެންޑިޑޭޓެއް މާލޭގެ މޭޔަރު ކަމަށް އިންތިޚާބުކޮށްގެން ކަމަށް ރުކުމާ ވިދާޅުވިއެވެ. އަދި އެ ކެންޑިޑޭޓަކީ ޑރ. މުޢިއްޒު ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.