ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށް ރާވާލެވިފައިވާ ފިރިހެން ކެޓަގަރީގެ ފައިނަލުން ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް ޖާގަ ހޯދާފައިވަނީ އެ ޓީމް ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 15 ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމްގެ ގޮތުގައެވެ.
ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ، ހަތަރު މެޗު ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދައިގެންނެވެ.
ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ބައްދަލުކުރާ ފިރިހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 28 މާޗް 2021 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!