ކޯވިޑް-19އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ދިނުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ސަރުކާރަށް ގޮވައިލަށްވައިފިއެވެ.

ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު މިހެން ގޮވައިލެއްވީ، ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

ޑރ. މުޢިއްޒު ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށާއި، އެޗްޕީއޭއަށް ގޮވައިލަށްވާ ކަމަށެވެ.

''ފުޓްބޯޅައާއި އެހެން ކުޅިވަރުތަކުގައި އެތައްހާސް ޒުވާނުންނެއް ޝާމިލްވޭ، އެ ޒުވާނުން ތިބީ މާޔޫސްވެފައި'' ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ދިނުމަށް ޑރ. މުޢިއްޒު ގޮވައިލެއްވިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށަން މިހާތަނަށް ހުއްދަ ލިބިފައި ނުވާތީ، ފުޓްބޯޅަ ޢާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިއްޔެ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގެ މީޑިއާ ރޫމްގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، މިދިޔަ މަހުގެ 3 ވަނަ ދުވަހު މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޕްރެކްޓިސް ފަށަން ކުރި މަސައްކަތުން މިދިޔަ މަހު 28 ވަނަ ދުވަހު ޓީމުތަކުގެ ޕްރެކްޓިސް ހަރުކަށި ގައިޑްލައިންތަކެއްގެ ތެރެެއިން ފަށައިގެން ކުރިއަށްދާތާ މަހެއްހާ ދުވަސް ވާން ކައިރިވެފައިވާއިރު، ލީގު ފަށަން ހުއްދަދޭން އެޗްޕީއޭ އިން ދެކޮޅު ހަދާ ސަބަބެއް ނޭނގި ވާނުވާގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ކޯވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އޭރު ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ.

އެފްއޭއެމްއާ އެކު ކުރި ގިނަ މަޝްވަރާތަކަށް ފަހު އެޗްޕީއޭ އިން ދިން ހަރުކަށި ގައިޑްލައިނެއްގެ ތެރެއިން މިދިޔަ މަހު 28 ވަނަ ދުވަހު ކްލަަބްތަކުން ފަރިތަކުރުންތައް ފެށި އެވެ. އެއީ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެންނެވެ. މި ގައިޑްލައިންތާ އެކު ޕްރެކްޓިސްތައް ފެށިފަހުން މިހާރު މަހަކާ ގާތް ވެފައި ވީ ނަމަވެސް އަދިވެސް ލީގު ރަސްމީކޮށް ފެށޭނެ ތާރީހެއް ނޭންގެ އެވެ.