އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ކެޓިއިރު، ޗެލްސީން ވަނީ އެ ޓީމް ކުޅުނު އެފްއޭ ކަޕް ކުއާޓާ ފައިނަލްގެ މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

މެންޗެސްޓާ ޔުނައިޓެޑް ކުއާޓާގައި ބަލިވެފައި ވަނީ ލެސްޓާ ސިޓީއާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވުމުން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ލެސްޓާއަށް ވެސް ވަނީ ލިބިގެން ގޮސްފައެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ލެސްޓާއިންނެވެ. ޔުނައިޓެޑްގެ މިޑްފީލްޑަރ ފްރެޑް ހެދި ގޯހެއްގެ ފައިދާނަގައި މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު ލެސްޓާއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް އިނާޗޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ ގްރީންވުޑެވެ.

ފަހު ހާފަށް ދެ ޓީމް ނުކުތްއިރު ހަމަހަމަ ނަތީޖާއެއް އޮތް ނަމަވެސް ލެސްޓާއިން ވަނީ ފަހު ހާފުގެ ކުރީކޮޅު ލަނޑު ޖަހައި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑް ކުޅުންތެރިޔާ ޓިއެލެމަންސްއެވެ. ބައިކޮޅަށް ވަތް ލަނޑާއިއެކު ޔުނައިޓެޑުން ވަނީ ފަހު ހާފުގެ 64 ވަނަ މިނެޓުގައި އެއްފަހަރާ ހަތަރު ބަދަލުކޮށް މުހިންމު ކުޅުންތެރިންތަކެއް ދަނޑަށް ނެރެފައެވެ. ބުރޫނޯ ފެނާންޑޭޒް، އެޑެން ކަވާނީ، މެކްޓޮމިނޭ އަދި ލޫކާޝޯ ކުޅެން ނެރުނު ނަމަވެސް ޔުނައިޓެޑްގެ ފަރާތުން މެޗުގައި ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެވެ.

މެޗުގައި ލެސްޓާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން އިނާޗޯއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދާފައިވަނީ ކުއާޓާގައި 2-0 ގެ ނަތީޖާއިން ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއި އެކުގައެވެ. ޗެލްސީއަށް މި މެޗުގައި ލީޑު ލިބިގެން ގޮސްފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައި ޝެފީލްޑްގެ ނޯވުޑް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

ފުރަތަމަ ހާފާ ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ޝެފީލްޑުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އަދި ލަނޑު ޖަހާނެ ފުރުޞަތު ވެސް ވަނީ ތަނަވަސް ކޮށްފައެވެ. ޗެލްސީން މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައު ކާމިޔާބު ކޮށްދީފައިވަނީ ޒިޔެޗްއެވެ. ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ޗެލްސީން ކުޅުނު 14 މެޗުންވެސް އެ ޓީމް ބަލިވެފައި ނުވެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ޗެލްސީ ބައްދަލު ކުރަން ޖެހޭނީ މެންޗެސްޓާ ސިޓީއާއެވެ. ލެސްޓާ ސިޓީ ބައްދަލު ކުރަން ޖެހޭނީ ސައުތެމްޓަންއާއެވެ.