ވަޒީފާއާއިބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އެތަށް މުވައްޒަފުންނެއް ވަނީ ރިސޯޓްތަކުން ވަޒީފާއިން ވަކިކޮށްފައި ކަމަށާއި، އެ މުވައްޒަފުންގެ ހައްގު ހޯދަން ޓުރައިބިއުނަލްއަށް ދިޔުމުން ރިސޯޓުތަކުން ދަނީ އޮޅުވާލަމުން ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.

ވަޒީފާއާއިބެހޭ ގާނޫނަށް ގެނެވުނު އިސްލާހްތަކުގެ ތެރެއިން އެ ގާނޫނުގެ 21 ވަނަ މާއްދާއިން މުވައްޒަފުންގެ ހައްގުތައް ގެއްލޭކަމަށް މަސައްކަތްތެރީންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި ބުނަމުންނެވެ.

Ad
rt

މިގޮތުން، ރިސޯޓު މަސައްކަތްތެރީންގެ ހައްގުގައި ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ޖަމިއްޔާ ޓީމްއިން ބުނީ، ވަޒީފާއާއިބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ރިސޯޓުތަކުގެ އެތަށް މުވައްޒަފުންނެއް މިހާތަނަށް ވަނީ ވަޒީފައިން ވަކިކޮށްފަ ކަމަށެވެ.

''މި ފަރާތްތަކުން އިންސާފު ހޯދުމަށް ވަޒީފާއާއިބެހޭ ޓުރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުން، ވަޒީފާއިންވަކިކުރި ރިސޯޓުގެ އެޗް އާރު ތަކުން ދެނީ ނުބައި ރިފަރެންސެއްދެމުން، ސަބަބަކީ މައްސަލަ ހުށަހެޅުން'' ޓީމްއިން ބުނެފަ ވެއެވެ.

އެ ޖަމިއްޔާއިން ބުނީ، އެކަމުގެ ސަބަބުން އެތަށް ދިވެހިންނެތް ވަޒީފާނުލިބި ހާލުގެ ޖެހެމުން ދާކަމަށެވެ.

''ބައެއް މުވައްޒަފުން މިކަމާހެދި ދަނީ އަނބުރާ މައްސަލަ ނަގަންއެދެމުން! އިންސާފު ހޯދަން މަސައްކަތްކުރުން އަނެއްހައްގު ގެއްލުން ބަލައިއެއް ނުގަނެވޭ! މިކަން ހުއްޓުވަންޖެހޭ'' ޓީމްއިން ބުނެފަ ވެއެވެ.

ޓީމްގެ މިކަންބޮޑުވުންތައް ފާޅުކޮށް ކޮށްފައިވާ ޓްވީޓްތަކުގައި ވަނީ ޓޫރިޒަމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ޓެގް ވެސް ކޮށްފައެވެ.

ޓީމްއަކީ ރިސޯޓު މަސައްކަތްތެރީންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ހަރަކާތްތެރި ޖަމިއްޔާ އެކެވެ.