ސިނަމާލެ ބްރިޖްގައި ލޭނެއް މަދުކުރެވިފައި ނުވާނެ ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖް ބިނާކޮށް، އެ މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލުމުގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ޑރ. މުޢިއްޒު މިހެން ވިދާޅުވީ މިއަދު މެންދުރު ''މުޢިއްޒު ޓީވީ"އިން ގެނެސްދިން ފޭސްބުކް ލައިވް ޕްރޮގްރާމް ''ލަންޗް ބްރޭކް''ގައި ވާހަކަ ސިނަމާލޭ ބްރިޖް އަޅާފައި ވަނީ ދެ ލޭނު މަދުކޮށް ކަމަށް އަޑުފަތުރާފައިވާތީ އެކަމާ ގުޅޭގޮތުން ޕްރެޒެންޓަރ އިކްރާމް ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ.
ހައުސިން މިނިސްޓަރުކަމުގެ މަގާމްގައި ހުންނަވައިގެން މާލޭ ސިޓީގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ވެސް ކުރެއްވި ޑރ. މުޢިއްޒު ވިދާޅުވީ ރައްޔުތުންގެ މެދުގައި ޝައްކު އުފެއްދުމަކީ އޭރުގެ އިދިކޮޅު ފަރާތްތައް، މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތައް އަބަދުވެސް ކަންތައް ކުރަށްވާ ގޮތެއް ކަމަށެވެ.
''ފުރަތަމަ ބްރިޖެއް ނާޅާނޭ ފައިސާއެއް ވެސް ހަމައެއް ނުޖެހޭނޭކީ، އެކަން ހަމަޖެހުނީ، ދެން ބޯހޯލް ތޮރޮފަން ފެށުމުގެ ކުރިން އެއީ ކުރެވޭނެ ކަމެއްނޫނޭ ކިޔަމުން ދިޔައީ، ދެން ބޯހޯލްވެސް ތޮރުފަން ފެށީ، ބޯހޯލް ތޮރުފާފަ ތަހުލީލްތައް ކުރަމުންދިޔައީ، ކުރަންފަށާފަ ތަނބުޖަހަން ފެށީ، ދެންކީ އެއީ އެހާ ފަސޭހައިން ވާނެކަމެއް ނޫނެ، ދެން އަޅުގަނޑުމެން އެވެސް އޯވަކަމްކޮށްފަ ތަނބުތައް ޖަހަން ފެށީ، ހަމަ ވާހަކަ ދިޔައީ، ދެން ބްރިޖް ހަދާނިމުނީމަ ތަނބުތަކަށް ގަނބިނީޔޭ، ދެން ފޮޓޯތައް ދައުރުކުރަމުން ދިޔައީ އެހެން ޤައުމެއްގެ ފޮޓޯ، ހަދާނިމުނީމަ ދެން އެނޫން ވާހަކައެއް ނެތުނީމަ ދެން ލޭނު މަދޭ، ލޭނެއްމަދެއް ނޫން ލޭނު އިތުރު ހަގީގަތުގައި ވެފައި އޮތީ،''
ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، ހައުސިން މިނިސްޓްރީއާއި ޕްރޮޖެކްޓް ހަވާލުކުރީ ރާއްޖެއާއި ޗައިނާއާއި، ގައުމު ދެތެރޭގައި ބްރިޖްގެ ޑިޒައިނަށް އެއްބަސްވުމަށް ފަހުގައި ކަމަށެވެ.
''އޭރުގައި އަޅުގަނޑު އިންވޯލްވި ހިސާބުން އޭގެ ފުޅާމިން، ފުޅާމިނުގައި އޮތް ސައިޒަށްވުރެ އިތުރަށް ކޮންމެ ކޮޅަކަށް 1 މީޓަރު އިތުރު ކުރެވުނު، 1 މީޓަރު އިތުރު ކުރެވުނީ ވެސް އަޅުގަނޑުމެންނަށް، ގަބޫލު ކުރެވުނީވެސް ހޮޅިއާއި އެއްޗެހި ފެން ހޮޅި، ޕަވަރ ކޭބަލް މާލެއާއި ހުޅުމާލެއާއި ދޭތެރޭ ގުޅުވުމަށް ބޭނުންވާތީ އަޅުގަނޑު އިސްވެ ހުށަހެޅީވެސް އެބަޔަށް އިތުރު ޑިޒައިންގެ އިތުރު ބަޔެއް ގެންނަން ޖެހޭކަމަށް، އެހެންވީމަ އިތުރު ކުރެވުނީ ހަގީގަތުގައި، ކުރިން އިނީ 20 މީޓަރު، ފަހުން 21 ޕޮއިންޓް ކޮންމެސް މިންވަރަކަށް އިތުރުވެގެން ދިޔަ، ކޮޅަކަށް މީޓަރެއްވަރު އިތުރުވެގެން ދިޔަ، ސައިޑަކަށް، ފަޅިއަކަށް، އެހެންވީމަ ބްރިޖްގެ ލޭނެއް މަދެއް ނުވޭ،''
ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، އެ ޕްރޮޖެކްޓް ފެށިގެން ވަކިހިސާބަކުން އެ ޕްރޮޖެކްޓާއިގުޅޭ ލިޔެކިޔުންތައް ބެއްލެވި ކަމަށެވެ.
''ކުރީގަ ފީޒިބިލިޓީވެސް ކުރީގައި، ސަރުކާރު އުފެދިގެންއައި، 2013ގައި ނޮވެމްބަރުގައި ރައީސް ޔާމީންގެ ސަރުކާރު އުފެދިގެންއައި އިރުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މަސައްކަތް ފެއްޓެވިއިރުގައި އިކޮނޮމިކް މިނިސްޓްރީތެރޭގައާއި ރައީސް އޮފީސް ތެރޭގައި ހުރި އެކިކަހަލަ އޮޕްޝަންތަކުގެ ވާހަކަ ދައްކާފައި، އެކި ޑިޒައިންތައް، މޮނޮރައިލްއެއް ދުއްވާ ގޮތަށް ވެސް ހުރި ވާހަކަ ދައްކާފައި، އެއީކީއެއް އަދި ޗައިނާ ސަރުކާރާ ވަހަކަ ދެކެވުނު ހިސާބެއްވެސް ނޫން، އެހެންވީމަ އެންމެ ކުރީކޮޅުގައި ކޮންމެ މަޝްރޫޢުއެއްގައި ވެސް ހުރެދާނެ އެކިކަހަލަ ކުރެހުން ހަދާފަ، މީހަކު ގެއެއް ހަދަން އުޅޭއިރު އެއްފަހަރު ބުނެދާނެ 10 ބުރިއަށޭ، އަނެއްފަހަރު ބުނެފާނެ 12 ބުރިއަށޭ، އެ ގޮތަށް ހުރެދާނެ އެތައް ކުރެހުންތަކެއް''
ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ބްރިޖާއިގުޅިގެން ދެ ގައުމުގެ ދޭތެރޭގައި ރަސްމީ ވާހަކަތަކެއް ފެށި، ޑިޒައިނަކަށް އެއްބަސް ވެވުނު އިރުވެސް ކޮޅަކަށް މީޓަރެއްވަރު އިތުރު ކުރެވުކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
''ދެ ގައުމުގެ ދޭތެރޭގައި ރަސްމީ ވާހަކަތަކެއް ފެށި، ޑިޒައިނަކަށް އެއްބަސް ވެވުނު އިރުވެސް ކޮޅަކަށް މީޓަރެއްވަރު އިތުރު ކުރެވިގެން ނިންމީ މިއޭދެން ޑިޒައިނަކީ އެހިސާބުން ގައިމުވެސް، ބަދެއްލެއްނާދެ، ކުރީގައި އެއީ އެކި އޮޕްޝަންސް ހުންނާނެ ކޮންމެ ޕްރެޖެކްޓެއްގައި ވެސް، އެހެންވީމަ ހަމަޔަގީނުން ވެސް ލޭނެއް މަދެއްނުވޭ، ލޭން ފުޅާ ކުރެވުނީ، ކުރެވިގެން މަސައްކަތް އެއޮތީ ފުރިހަމަ ކުރެވިފައި،''
ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، އެ މަސައްްކަތް ކެރެވެމުން ދިޔައިރު، އެންމެ ގާތުގައި ހުރި މީހާގެ ހައިސިއްޔަތުން. އެ ޕްރޮޖެކްޓަށް ދިޔަ ހަރަދަށް ބަލާއިރު، އެ ޕްރޮޖެކްޓްގައި ހުރި ޗެލެންޖްތަކަށް ބަލާއިރު އެ ޚަރަދު އަދި ހަގީގަތުގައި އެއަށްވުރެ އިތުރަށް ވެސް ހިނގާނެ ކަމަށެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. މުޢިއްޒު ވަނީ އެ ދާއިރާއަކީ ކިޔަވާވިދާޅުވި ދާއިރަކަން ފާހަގަ ކުރަށްވާ، 8 އަހަރު ދުވަހު އެދާއިރާއިން އުނގެނުމަށް ހޭދަ ކުރެއްވުމަށްފަހު، އަމަލީގޮތުން ބްރިޖެއްގެ މަސައްކަތް ކުރުމުގައި ބައިވެރިވުމަކީ މިނިސްޓަރެއްގެ ހައިސިއްޔަތުންނޫން ނަމަވެސް، އިންޖިނޭރެއްގެ ހައިސިއްޔަތުން ވެސް ވަރަށް ޝައުގާއެކު ކުރެއްވި މަސައްކަތްޕުޅެއްކަން ފާހަގަ ކުރަށްވާފަ އެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންކުރެ އެންމެ ތަޢުލީމާއި، ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކެނޑިޑޭޓަކީ ޑރ. މުޢިއްޒުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!