ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ސެލްޓަގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ރެއާލުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޓޯނީ ކްރޫސްގެ އެހީތެރިކަމާއިއެކު މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާއެވެ. މެޗުގައި ރެއާލުން އިތުރަށް ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ބެންޒެމާ ކާމިޔާބުކުރި ލަނޑުންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާ ވަނީ ރެއާލް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ލަނޑު ޖަހާފައެވެ.
ސެލްޓައިން ވަނީ ލަނޑުޖަހާ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ސެލްޓައަށް ކާމިޔާބު ކޮށްދީފައިވަނީ ޑެނިސް ސުއަރޭޒްގެ އެހީތެރިކަމާއިއެކު އެ ޓީމްގެ ފޯވާޑް ސަންޓި މިނާއެވެ.
މެޗުގައި ރެއާލުން ޖެހި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައި ޓޯނީ ކުރޫސްގެ ބަދަލުގައި ކުޅެން ނުކުތް މާކޯ އެސެންސިއޯއެވެ. އެސެންސިއޯ މި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްފައިވަނީ ބެންޒެމާގެ އެހީތެރިކަމާއި އެކުގައެވެ.
މި މެޗުން މޮޅުވުމާއިއެކު ރެއާލް ވަނީ ޕޮއިންޓް ތާވަލުގެ ދެ ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 28 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި 27 މެޗުން 63 ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިދެވެ. ތިންވަނާގައި 27 މެޗުން 59 ޕޮއިންޓް ހޯދައިގެން އޮތީ ބާސެލޯނާއެވެ. މި މެޗުން ބަލިވި ސެލްޓަ އޮތީ ތާވަލުގެ އެގާރަ ވަނާގައެވެ. އެ ޓީމަށް 28 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!