މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަސްލު "ވިޔަފާރިވެރިން" ހޯދާ ހުރިހާ މުދަލެއް މަނީ ލޯންޑްރިން ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުމަކީ އަމާޒެއްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވެފައިވަނީ "މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފައިސާއާއި ފައިސާވެރިންގެ ފަހަތުން ދިއުން" މިމަޢުލޫއަށް އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ޝާއިއުކުރެއްވި ލިއުމެއްގައެވެ.

Ad
rt

މިލިއުން ހިއްސާ ކުރައްވާ ކުރެއްވި ޓުވީޓެއްގައި ޝަމީމް ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ވެސް ކުރަން ފަށައި އެގޮތަށް ފުރަތަމަ ދައުވާ އުފުލާފައިވާ ކަމަށެވެ.

އެއީ ހަމައެކަނި އެ މީހުން އަތުން ފެންނަ ފައިސާއެއް ނޫން ކަމަށާއި އެ މީހުންގެ ވިޔަފާރިތަކާއި ވެހިކަލްތަކާއި އެ ނޫން ވެސް ހުރިހާ މުދަލެއް މަނީ ލޯންޑްރިން ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުން ކަމަށް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ، ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެއީ ހައްލުކުރަން އެންމެ ދަތި އެއް މައްސަލަ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

މިއީ ހުރިހާ މައްސަލަތަކެއް ގުޅިފައިވާ "ބޮޑު މައްސަލަ"، މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ފައިސާ އިން އެހެން ކަންކަން ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި މަނީ ލޯންޑަރިންގެ ދައުވާކުރާ ގޮތަށް ދައުވާކުރުމުގެ ސިޔާސަތު މިހާރު ވަނީ ބަދަލުކޮށްފަ

ޝަމީމްގެ ޓުވިޓުގައި ވިދާޅުވެފައިވެއެވެ.

މި ބަދަލުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި ފުރަތަމަ ދައުވާ ކޮށްފައި މިދިޔަ ޖެނުއަރީ 12 ވަނަ ދުވަހު ހައްޔަރުކުރި ބައެއްގެ މައްޗަށްކަމަށް ޝަމީމްގެ ލިއުމުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެއީ ހަސަން ލޫތު / ގދ. ތިނަދޫ، ރަންގަލް، ހަސަން ރަޝީދު / ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، އިސްމާއިލް ޝަރީފް / ތ. ތިމަރަފުށި، ވައިޓްރޯސް އަދި ޝަނިޔާ އިބްރާހީމް / މއ. ހަސްލަތުގެ މައްޗަށެވެ. އެއީ އިތުރު ބަޔަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެކެވެ. މި މީހުން މަސްތުވާތަކެތި އެތެރެކޮށް އޭގެ ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މާލޭގެ 4 ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފަ އެވެ.

މިފަދަ މީހުންނަށް، ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިން ދައުވާ ކުރުން ހުއްދަ ކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ.

"މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެކެވެ. އެ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އެމީހުންގެ އަނބިންނާއި ފިރިންނާއި، ގާތްތިމާގެ މީހުން ވެސް، ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވެއެވެ."

މަނީ ލޯންޑަރިން ދައުވާ ކުރުން ހުއްދަ ކަމުގެ ތަފްސީލް ދެއްވަމުން ޝަމީމްގެ ލިއުމުގައި ފާހަގަކޮށްފައިވެއެވެ.

ޝަމީމް ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންގެ ފަހަތުން ދާންޖެހޭއިރު، ފުލުހުންގެ ބުރަ މަސައްކަތުން އެކަމުގައި އުޅޭ ނެޓްވޯރކްތައް ރޫޅާލެވިފައިވާކަމަށެވެ. އަދި ދެންއޮތް މަރުހަލާއަކީ އެކަމުގައި ހަރަކާތްތެރިވާ އަޞްލު "ވިޔަފާރިވެރިން" ފަހަތުން ދިއުންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މަސްތުވާތަކެތީގައި "އަތްނުލާ" ނުވަތަ އޭގެ އިސްތިއުމާލު ނުކުރާ މީހުންނަށް ސަލާމަތް ވެވޭނެކަމަށް މިހާރު ހީވެފައިއޮތްނަމަވެސް ދެން އެކަން ނިމުމަކަށް އަންނާނެކަމަށާއި، މަސްތުވާތަކެތީގައި އަތް ނުލިޔަސް، ފައިސާ ބޭނުންކުރާނަމަ، އެމައްސަލަ ތަހުޤީޤުކޮށް ދައުވާ ކުރެވެން އޮތް މީހުންނަށް ދައުވާ ކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޢަދަދު މަދު ކުރެވޭނެ ގޮތެއް ހޯދަންޖެހެއެވެ. އެކަން ކުރެވެން އޮތީ، އެތަކެތި ރާއްޖެއަށް އެތެރެވެ، ވިޔަފާރި ކުރާ މީހުން ފަހަތުން ދެވިގެންނެވެ. އެކަން ކާމިޔާބުކުރެވޭނެ ތަޅުދަނޑިއަކީ، މަސްތުވާތަކެތިން މަންފާވާ މީހުންގެ ފައިސާގެ ފަހަތުން ދިއުމެވެ.

ޝަމީމްގެ ލިއުމުގައި ފާހަގަކޮށްފައިވެއެވެ.

މަނީ ލޯންޑްރިންގެ ކުށަކީ އާދައިގެ ކުށެއް ނޫންކަމަށާއި އެކުށް ސާބިތުވުމުގެ ނަތީޖާވެސް ވަރަށް ތަފާތުކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އެޤާނޫނުގެ 8 ވަނަ މާއްދާގައި، ކުށްކޮށްގެން ހޯދާ މުދާ މާނަކޮށްދީފައިވަނީ، ކުށްކޮށްގެން ހޯދާ ފައިސާ ނުވަތަ މުދަލާއި، އެފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި، އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާވެސް ހިމަނައިގެންކަމަށާއި މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން ފިހާރައެއް ހުޅުވާފައި ހުރިނަމަ، އެފިހާރައަކީވެސް މިޤާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ މުދަލެއްކަމަށް ޝަމީމް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލަކަމަށްވާއިރު، އެއީ ޙައްލުކުރަން އެންމެ ދަތި އެއް މައްސަލަކަމަށާއި ހުރިހާ މައްސަލަތަކެއް ގުޅިފައިވާ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. މީގެ އިތުރުން ޖަލުގެ އާބާދީގެ ބޮޑު އިންސައްތައަކީ "ޓަރމިނޭޝަން" ޙުކުމުގައި ތިބި މީހުންކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން، އެއާދަ ހިފެހެއްޓުމަށް ކުދި ކުދި ވައްކަން ކުރާއިރު، އެ ހުރިހާ މައސަލައެއް ކޯޓަށް ހުށަހެޅުމުން ކޯޓުތަކުގައި މައްސަލަތައް ލަސްވެގެންދާކަމަށް ރައީސް ވިދާޅުވިއެެވެ.

މިމައްސަލަ ޙައްލުކުރުމަށް ހުރިހާ ސަރުކާރަކުންވެސް މަސައްކަތްކޮށްފައިވާކަމަށާއި، ފެނިވަޑައިގަންނަވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުން ހަރުދަނާ ކުރަންކަމަށްވާއިރު، އެމަސައްކަތް ސަރުކާރުން ކުރައްވާކަމަށް ޕީޖީ ޝަމީމް ފާހަގަކުރެއްވިއެވެ.