އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކިރުމުގެ އިންތިޒާމުކަމަށާއި، ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ މަޝްރޫޢުތައް ނިމުމުން އުތުރުގެ މަސްވެރިންނަށް ފަހިކޮށް މަސްކިރޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އުންމީދަކީ ފެލިވަރު ތަރައްގީވެގެން ދިޔުމުން އުތުރުގެ މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދިޔުން ކަމަށެވެ.

Ad
rt

ފައުޒީ ވިދާޅުވީ، މަސްވެރިންނަށް ހުރި ގޮންޖެހުންތައް ހައްލުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އެ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ. މި ގޮތުން ސައުދީ ފަންޑާއި އެގްޒިން ބޭންކްގެ ފަންޑްގެ އެހީގައި ހިންގަމުންދާ މަޝްރޫޢުތަކުގެ ސަބަބުން ފެލިވަރުގެ ސްޓޯރޭޖް ކެޕޭސިޓީ 13 ހާސް ޓަނަށް އިތުރުކުރެވިގެން ދާނެ ކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.

އެހެންކަމުން އެމަސައްކަތްތައް ފުރިހަމަވުމުން އުތުރުގެ މަސްވެރިންނަށް ވެސް ލުއިތަކެއް ލިބޭނެ ކަމަށާއި، އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މަސްއަލަކީ މަސްކިރުމުގެ މައްސަލަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

''އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކިރުމުގެ އިންތިޒާމް، އިރާދަކުރެއްވިއްޔާ އުތުރުގެ މަސްވެރިންނަށް ފަހިކޮށް މަސްކިރޭނޭ އިންތިޒާމް ފެލިވަރާއެއްކޮށް ފަސޭހަވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން، އެއީ ފެލިވަރުގައި ގާއިމުކުރެވޭ ދުވާލަކަށް 200 ޓަނުގެ ފްރީޒިން ކެޕޭސިޓީ، އަދި އިތުރު 80 ޓަންގެ އާރުއެސްޑަބްލިޔު އަދި ފެލިވަރުގެ މި ކޭނަރީއާއިއެކު ދުވާލަކު 100 ޓަނު އިތުރަށް ޕްރޮސެސިން އަންނައިރު އެހެންވީމަ 300 ޓަނަށްވުރެ އިތުރަށް ދުވާލަކަށް ކަލެކްޓް ކުރެވޭނެ'' ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، ފެލިވަރުގެ ބޯޓުފަހަރަށް އުތުރަށް އައިސް މަސް ގަންނަން ފެށުމުން މިހާރު މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. ޖުމްލަ ހައްލެއް ނުލިބުނު ނަމަވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، އޭނާ ކުންފުންޏާ ހަވާލުވިއިރު މިފްކޯގައި އޮތީ ދުވާ އެންމެ 2 ބޯޓު ކަމަށެވެ. އަދި މަސައްކަތްކޮށްގެން އިތުރު 2 ބޯޓު މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްކިރޭނޭ ގޮތެއް ނެތިގެން ވަރަށް ގިނައިން އުތުރުގެ މަސްވެރިން ގުޅާކަމަށާއި، ހޯރަފުށީ އަދި އިހަވަންދޫ މަސްވެރިންވެސް ގުޅާކަމަށް އޭނާ ވިދާޅުވިއެވެ. ފެލިވަރަށް ކޮންމެ ދުވަހަކު ބޯޓު ހުސްކޮށްފައި އަންނަން މިހާރު ދަތިތައް އެބަހުރި ކަމަށާއި، ނަމަވެސް ފެލިވަރުގެ ކެޕޭސިޓީ އިތުރުވުން އުތުރުގެ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅަށް އެހީތެރިކަން ދެވޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ފައުޒީ ވިދާޅުވީ، ފާއިތުވި އަހަރަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރިގޮތުންނާއި، ދުނިޔެއަށް ދިމާވި ބަލިމަޑުކަމުގެ ސަބަބުން ނުހަނު ބޮޑު ގޮންޖެހުމެއް ކުރިމަތިވި އަހަރެއް ކަމަށެވެ. ނަމަވެސް އެ އަހަރަކީ މިފްކޯގެ 14 އަހަރުގެ ތާރީޚްގައި އެންމެ ގިނައިން މަސް ގަތް އަހަރުކަން އޭނާ ފާގަހަ ކުރެއްވިއެވެ. މިގޮތުން 947 ހާސް ޓަނުގެ މަސް ކިރުނުކަމަށާއި، 49،000 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.