ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަތޮޅުތެރޭގައި ޚިދުމަތްދެމުންދާ ރަށްތަކުގައި ބިނާކުރާ ޒަމާނީ އިންޖީނުގެތަކުގެ ތެރެއިން އއ. ހިމަންދޫއާއި އެ އަތޮޅު ރަސްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ސްޓެލްކޯއިންބުނީ އަލަށް އަޅާ އިންޖީނުގޭގެ އިމާރާތާއެކު މިދެރަށުގެ މަލަމަތި ބަދަލުކޮށްލާނެކަމަށެވެ. އަދި މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރާ، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހެދިގެންދާނެކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

Ad
rt

އއ. ހިމަންދޫއަކީ ކަރަންޓުގެ ޙިދުމަތްދޭ އިންޖީނުގެ ކުޑަވެ، އިތުރު އިންޖީނު ބެހެއްޓުމަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. އެކަމުގެ ސަބަބުން ރަށަށް އަންނަމުންދާ ކުރިއެރުމާއި ތަރައްޤީއާއި އެއްވަރަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ހިމަންދޫގައި މިހާރު ހުރި 533 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި އެރަށުގައި އަލަށް އިމާރާތްކުރުމަށް ނިންމާފައިވަނީ 4 މެގަވޮޓްގެ ޒަމާނީ އިންޖީނުގެއެއްކަމަށް ސްޓެލްކޯއިން ބުނެ އެވެ. މި އިންޖީނުގެ ވެގެންދާނީ ހިމަންދޫގެ ރައްޔިތުންނަށާއި، އެރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށްވެސް ތަރައްޤީގެ މުޅިން އައު ތަފާތު މަންޒަރެއް ފެނިގެންދާނެ އިންޖީނުގެއަކަށް ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ރަސްދޫގައި މިވަގުތު ހުރި 754 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި 5 މެގަވޮޓްގެ އައު އިންޖީނުގެއެއް އެރަށުގައި އެޅުމަށް މިހާރު ވަނީ ނިންމާފައެވެ. އައު އިންޖީނުގެ އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ޙިދުމަތައް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައެވެ.

މިދެރަށުގެ އައު އިންޖީނުގެއާއެކު، އެދެރަށުގެ އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުމާއި، ފާހަގަތިކަން ލިބި، އެދެރަށުގެ ރައްޔިތުންނަށް އައު ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

ކަސްޓަމާ ސާރވިސް އިމާރާތަކާއެކު އަޅާ މި އިންޖީނުގޭގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ޙިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ އިމާރާތްކުރެވިގެންދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި، ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމްތަކާއެކުއެވެ.

ކޯވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެނަމަ، މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށެވެ. އަދި ޑިޒައިނިން މަރުހަލާގައި އެ އިންޖީނުގެއަކީ އަޑުމަޑު ތަނެއްގެ އިތުރުން ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށް ސޯލަރ ޕެނަލްތައް އެ އިމާރާތުގައި ހަރުކުރެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.