އއ. ހިމަންދޫ އާއި ރަސްދޫގެ އާ އިންޖީނު ގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

Ad
rt

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ހިދުމަތް ދެމުންގެންދާ ރަށްތަކުގެ ތެރެއިން ހިމަންދޫ އަކީ ރަށަށް އަންނަމުންދާ ތަރައްގީއާއި ކުރިއެރުމަށް ބަލާއިރު، އެރަށަށް ކަރަންޓުގެ ހިދުމަތްދޭ އިންޖީނުގެ ކުޑަވެ، އިތުރު އިންޖީނު ބަހައްޓާނެ ޖާގައެއް ނެތް ރަށެއް ކަމަަށެވެ. އެހެންކަމުން އެ ރަށަށް އަންނަމުންދާ ކުރިއެރުމާއި، ތަރައްގީއާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މިވަނީ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެޏެވެ.

އެދަތިކަން ފިލުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހިމަންދޫ އިންޖީނުގެ ހުރި ބިމަށް އިތުރު ކޮށްދީފައިވާ ބިމާއެކު އާ އިންޖީނުގެއެއް އަޅަން ސްޓެލްކޯއާ ވަނީ ހަވާލުކޮށްފައެވެ. އެ ސަރަހައްދުގައު މިހާރު ހުރި 533 ކިލޯވޮޓުގެ އިންޖީނުގޭގެ ބަދަލުގައި ހަތަރު މެގަވޮޓުގެ އިންޖީނުގެއެއް އަޅާނެއެވެ.

ކަސްޓަމާސާވިސް އިމާރާތަކާއެކު ހަދާ މި އިންޖީނުގޭގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ އިމާރާތްކުރެވިގެންދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި، މީޓިންތައް ބޭއްވޭނެ އިންތިޒާމްތަކާއެކު ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަށެވެ.

ރަސްދޫގައި ހަދަން ނިންމާފައިވަނީ ފަސް މެގަވޮޓުގެ އިންޖީނުގެއެކެވެ. މިހާރި އެ ރަށުގައި ހުންނަނީ 754 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. އާ އިންޖީނުގެއާއެކު އެ ރަށުގެ ތަރައްގީއަަ އެއްވަރަށް ކޭޓާ ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ދެ ރަށުގެ އިންޖީނުގެތައްވެސް ޑިޒައިން ކޮށްފައިވަނީ އަޑު މަޑުވާނެ ހެންނެވެ. އަދި ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް އެ އިމާރާތުގައި ހަރުކުރަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނަކަށްވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.