ތަންޒޭނިއާގެ ރައީސް ޖޯން މަގުފުލީ 61، އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވެފައިވާ ކަން އެ ގައުމުގެ ނައިބު ރައީސް ސާމިޔާ ސުލުހު ވަނީ އެ ގައުމުގެ މީޑިއާތަކަށަ ކަށަވަރު ކޮށްދެއްވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މަގުފުލީއަވަހާރަވީ ހާޓް ފެއިލިޔާގެ ސަބަބުންނެވެ.
އެކަމަނާ ވިދާޅުވީ މަގުފުލީ އާލާސްކަންފުޅުގައި އުޅުއްވާތާ 10 އަހަރުވެއްޖެ ކަމަށެވެ. އަދި އޭނާ އަވަހާރަވީ ދަރެއްސަލާމް ގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެކަމަށް ވެސް ސުލުހު ވިދާޅުވިއެވެ.
މަގުފުލީ އަވާހާރަވުމާ ގުޅިގެން އެ ގައުމުގައި 14 ދުވަސް ވަންދެން ދިދަތައް ބައިދަނޑިއަށް ތިރި ކުރުމަށް ވަނީ ނިންމާފައެވެ.
މަގުފުލީ އަވަހާރަވީ ހާޓް ފެއިލިޔާގެ ސަބަބުން ކަމަށް ނައިބުރައީސް ވިދާޅުވި ނަމަވެސް އެ ގައުމުގެ އިދިކޮޅު ޕާޓިން ގަބޫލު ކުރާގޮތުގައި އެ މަނިކުފާނު އަވަހާރަވީ ކޮވިޑް-19 ޖެހިގެންނެވެ. މަގުފުލީއަކީ ކޮވިޑް އަކީ ވާ އެއްޗެއް ނޫން ކަމަށް ގަބޫލު ކޮށް އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް އަޅަން ބޭނުން ނުވި ރައީސުންގެ ތެރޭގައި ހިމެނޭބޭފުޅެކެވެ.
އެމަނިކުފާނު ވަނީ މިދިޔަ އަހަރު އެ ގައުމުން ކޮވިޑް އެއްކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ އެފްރިކާގެ ސިއްހީ އޮތޯރިޓީތަކާ މައުލޫމާތު ހިއްސާ ކުރަން ދެކޮޅުހައްދަވައިފަ އެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީގެ ފަހުންވެސް އެ ގައުމުގައި މި ވައިރަސް ޖެހިގެން އެތައް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މަގުފުލީގެ ޗީފް ސެކްރެޓަރީވެސް ވަނީ މިއަހަރު ތެރޭގައި ކޮވިޑް ޖެހިގެން މަރުވެފައެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑް އޮތް ކަމަށް ގަބޫލުކުރަން އެމަނިކުފާނު ބޭނުންފުޅު ނުވިއެވެ. މިކަމާގުޅިގެން ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔިން މަގުފުލީއަށް އަމާޒުވި އެވެ.
މިއީ މަގުފުލީ ތަންޒޭނިއާގެ ރައީސް ކަމަށް ހޮވިވަޑައިގެން ދެވަނަ ފަހަރެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ހޮވިވަޑައިގަތީ 2015 ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ. އެއިންތިޚާބުގައި ވާދަ ކުރި އިދިކޮޅުގެ ކެންޑިޑޭޓް ވަނީ މަގުފުލީއަށް ބިރުން ތަންޒޭނީއާ ދޫކޮށް ހިޖުރަކޮށްފައެވެ.
މަގުފުލީއާ ދެކޮޅަށް ވާހަކަ ދައްކާ މީހުން މަރާލާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ. އެގޮތުން މީގެ ކުރިން އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާ ކަމަށްބުނެ ހަބަރު ފެތުރިމީހަކު ގަޔަށް ބަޑި ޖަހާ ވަނީ މަރާލައިފައެވެ. އޭނާ މަރާލީ މަގުފުލީގެ އޯޑަރަށް ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!