ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީން، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރެއާލް ކުއާޓާގެ ޖާގަ ހޯދާފައިވަނީ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީގެ އެތުލާންޓާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމް އެތުލާންޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކޮށްފައިވަނީ ރެއާލުންނެވެ. ރެއާލްގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ރެއާލް ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއިންނެވެ. ރެއާލް ކުއާޓާއަށް ދަތުރު ކޮށްފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ރެއާލުންނެވެ. ފުރަތަމަ ހާފުގައި އެތުލާންޓާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި، މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ރެއާލްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާއެވެ. މިއީ ބެންޒެމާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 70 ވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ރެއާލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ރެއާލުން ކާމިޔާބުކުރި ދެވަނަ މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މިއީ ރާމޯސް ރެއާލަށް ކާމިޔާބު ކޮށްދިން 101 ވަނަ ލަނޑެވެ.
ދެ ލަނޑުގެ ލީޑެއްގައި ރެއާލުން ކުޅެމުން ދަނިކޮށް މެޗުގެ 83 ވަނަ މިނެޓުގައި އެތުލާންޓާގެ ފޯވާޑް ލުއިސް މިއުރިއެލް ވަނީ ލަނޑެއްޖަހައި ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗުގެ ފަހުވަގުތު ރެއާލްއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައ ކުޅެން ނުކުތް އެސެންސިއޯއެވެ.
މި މުބާރާތުގެ ކުއާޓާއަށް މެންޗެސްޓާ ސިޓީ ދަތުރު ކޮށްފައިވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބަކް ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުގައި ސިޓީ 2-0 ގެ ނަތީޖާއިން ކުރި ހޯދިއިރު އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ވެސް ސިޓީ ވަނީ 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ސިޓީއަށް ކުއާޓާގެ ޖާގަ ލިބިފައިވަނީ 4-0 ގެ އެގްރިގޭޓުނެނެވެ.
މި މެޗުގައި ސިޓީން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ކެވިން ޑި ބްރޭނާއެވެ. އޭގެ ހަ މިނެޓު ފަހުން ފިލް ފޯޑެން ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން ވަނީ ލަނޑެއް ޖަހައި، ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.
މި ސީޒަންގައި ހުރިހާ މުބާރާތެއްގައި ވެސް ސިޓީން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން އެ ޓީމުން އެންމެ ފަހުން ކުޅުނު 25 މެޗުގެ ތެރެއިން 24 މެޗުން ވަނީ މޮޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!