އެމެރިކާގެ ފލޮރިޑާއިން އާ ވައްތަރެއްގެ ނުރައްކާތެރި މަދިރިއެއް ފެނިއްޖެއެވެ.
"އީޑިސް ސްކެޕިއުލަރިސް"ގެ ނަމުން ނަން ދީފައިވާ މި މަދިރި ފެނިފައިވަނީ 2019ވަނަ އަހަރު ފްލޮރިޑޭގެ ޕާކަކުންނެވެ. މި މަދިރި ހޯދާފައިވަނީ ޔުނިވާސިޓީ އޮފް ފލޮރިޑާގެ އެންޓޮމޮލޮޖިސްޓް އެންޑް ރިސާޗް ސައިންޓިސްޓެއް ކަމަށްވާ ލޮރެންސް ރީވްސްއެވެ.
މި މަދިރިއަކީ މިހާތަނަށް ނުފެންނަ ބާވަތެއްގެ މަދިރިއެއް ކަން ކަށަވަރުވެފައިވަނީ މިދިޔަ އަހަރު ހެދި ޑިއެންއޭ ޓެސްޓުތަކަކުންނެވެ. މި ބާވަތުގެ މަދިރިތައް ފްލޮރިޑާގެ ދެ ސަރަހައްދެއްގައި އުޅޭ ކަމަށް ރީވްސް ބުންޏެވެ.
މިއީ ނުރައްކާތެރި ވައިރަސްތައް ފަތުރާ މަދިރިއެކެވެ. އެގޮތުން، ވެނެޒުއެލަން އެކުއިން އެންސެފެލިޓިސް ވައިރަސް އާއި ރީނދޫ ހުމާއި އެފަދަ އިތުރު ވައިރަސްތައް މި މަދިރީގެ ޒަރީއާއިން ފެތުރޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
"އީޑިސް ސްކެޕިއުލަރިސް"އަކީ އިންސާނުންގެ އިތުރުން ދޫނިތަކުގެ ވެސް ލޭ ބޯ މަދިރިއެކެވެ. މިއިންވެސް މި މަދިރީގެ ނުރައްކާތެރިކަން ހާމަވާ ކަމަށް ސައިންސްވެރިން ބުނެއެވެ. ދޫނިތަކުން ލޭ ބުއިމަށްފަހު އެ ލޭ އިންސާނެއްގެ ހަށިގަނޑަށް ދޫކޮށްފި ނަމަ ދޫނީގެ ހުރި ޖަރާސީމް އިންސާނާގެ ހަށިގަނޑަށް ވަނުމަކީ ގާތް ކަމެކެވެ.
ދަތުރުފަތުރުތައް ގިނަވުމަކީ ވެސް މިފަދަ ނުރައްކާތެރި ސޫފިތައް ދުނިޔޭގައި ފެތުރޭ ސަބަބެއް ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. އެގޮތުން، ފްލޮރިޑާގައި ވެސް 2000ވަނަ އަހަރުން ފެށިގެން މިހާތަނަށް 10 ބާވަތެއްގެ މަދިރިތަކެއް ވަނީ ފެނިފައެވެ. މިއީ ކުރިން އެ ސަރަހައްދުން ނުފެންނަ ބާވަތްތަކެކެވެ.
ޑެންގޫ ހުމާއި ޗިކުންގުންޔާ އަދި ޒިކާ ވައިރަސް ފަތުރަނީ އީޑިސް ވިޓަޓަސް މަދިރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!