ރާއްޖޭގައި މީހަކު ކަނޑުވިޔަސް، އެމީހާ ސަލާމަތް ކުރުމަށް އެތަނަށްދާން މިހާރު 2 ދުވަސް ނަގާ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ.

ދޮންބިލެއް އަޙްމަދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި، އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އެ މައްސަލައަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އުތުރު ތިލަފަޅުގައި މަސައްކަތްތަކެއް ކުރުމަށް 2013 ވަނަ އަހަރު މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރު ވަނީ ކޮންމެސް ވަރެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދޮންބިލެތް އަޙްމަދު ވިދާޅުވީ ބަހުސް ކުރެވެމުންދިޔަ މައްސަލައާއިގުޅޭ އެއްބަސްވުމުގެ އެންމެ މުހިއްމު ކަމަކީ ދިވެހިރާއްޖޭގައި އެންމެ ބޮޑީ ކަނޑުގެ ސަރަހައްދުކަން ކަމަށްވުމުން، އެއްގަމުގައި އޮންނަ ''ފޯސް ކަށްވުރެ ބޮޑު ޚަރަދު ކުރަންޖެހިފައި އޮތީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކަމަށް''ވުން ކަމަށެވެ. އަދި އެއީ ''ޒަމާނުއްސުރެ ދިވެހިން ދެކިދަނެ ތިބިކަމެއް'' ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑުމެން އަބަދުވެސް ދެކިތިބީ ދިވެހި ރާއްޖޭގައި އޮންނަންޖެހޭނީ ކަނޑުގެ ފްލީޓެއް ކަމަށް ވަރުގަދަ، އެހެންނަމަވެސް މިއަދު އޭގެ ނަތީޖާއަކީ ކޮބާތޯ؟ އަޅުގަނޑުމެން މީހަކު ކަނޑުވިޔަސް އެތަނަށްދާން އެބަނަގާ 2 ދުވަސް، ފުރަތަމަ ނުކުންނަ ކޯސްޓް ގާޑްގެ އިންޖީނުގައި ރޯވާނެ، އެއީ އޯވަހޯލް ނުކޮށް އޮންނަތާ 4 އަހަރު މިހާރު ވެދާނެ، އެއީ އަޅުގަނޑަށް ދާދިފަހުން އެހެން ދިމާވެއްޖެ ވަރަށް ބޮޑަށް މީހަކު ބަލިވެގެން އަޅުގަނޑު މަގޫދޫއަށް ފޮނުވަންވެގެން ހަމަ ފިހާޅޮހިކަނޑުން ނުކުމެ ގޮވައިލައިފި އަޅުގަނޑަށް މިހާރު އެ ދާން އޮތްއެތި ރޯވެގެން އަނބުރާލައިފިޔޭ، އެ ހާލަތުގައި، ހަގީގަތުގައި ވެސް އިހަށް ދުވަހު ހިނގި ހާދިސާއެއް''- ދޮންބިލެތް އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެސަބަބަށްޓަކައި ވެސް ރާއްޖޭގެ ކަނޑުގައި ފްލީޓްތައް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

''އުތުރު ތިލަފަޅުގައި ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ފުރިހަމަ މިނިވަންކަމާ ބާރުވެރި ކަމާއެކުކުރާ އަދި އެގްރިމެންޓެއް އޮތްކަމަށް ވަންޏާ އަޅުގަނޑަށް ޔަގީން އެ ސަރަހައްދަކީ އެތަނަކީ ދިވެހިދައުލަތުގެ މިލްކެއް ކަމަށް'' އޭނާ ވިދާޅުވިއެވެ.

''މަސައްކަތް ރަނގަޅަށް ފެށިފަ ނުވާއިރު ވެސް މަސް ބޭނެމުންދާ ޢަދަދު ކުރިއަށް ވުރެ މާ އިތުރުވެއްޖެ، އިތުރުވީ މަސް ކަނޑުތައް ބެލެހެއްޓެއް ފެށުމުން، މިހާރު ދާއަޅަން ވަންނަ މަސްބޯޓުތައް ހިފަހައްޓަން، ދާ އެޅުމުގެ ކަންކަން ގާތް ގަނޑަކަށް ނިމުމަކަށް ދާނެ، އިތުރުން ޑްރަގްގެ ވަގު ވިޔަފާރިއަކީ ރަށުތެރެއަށް އަންނަ ވިޔަފާރިއެއް، އެއީ ރާއްޖެ މެދުވެރިކޮށް ކުރާ ވަރަށް ބޮޑު ވިޔަފާރިއަކަށް ވެއްޖެ، ޓަނުން ޓަނުން އެއީ މާލެއަށް ގެންނަ ޑްރަގެއްނޫން، އަތުލައިގަނެވޭ ޑްރަގްތަކަކީ ރާއްޖެ މެދުވެރިކޮށް މުޅި ދުނިޔޭގެ ހިނގަމުންދާ ބޮޑު ވިޔަފާރިއެއް'' އޭނާ އިތުރަށް ވިދާޅުވިއެވެ.

ދޮންބިލެތް އަޙްމަދު ވިދާޅުވީ، ރަނގަޅު ކަނޑުގެ ފްލީޓެއް ރާއްޖެއަށް އައުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރާއްޖޭގެ އަމިއްލަ ކެރިފޯރުންތެރިކަމުން އެކަން ކުރެވޭކަށް ނެތް ކަމަށެވެ.

ދިވެހިން ބޭނުންވަނީ ކަނޑުވާ ވަގުތު ކޯސްޓް ގާޑް އެތަނުގައި އޮންނަން ކަމަށާއި، ބަލިވާއިރަށް ހެލިކޮޕްޓަރު ވެސް އޮންނަން ކަމަށެވެ.

ދޮންބިލެތް އަޙްމަދު ވަނީ، ސައްހަނޫން އެއްބަސްވުންތައް ނެރެ، ސިޔާސީކޮށް ފިތުނަ ކުރަން ފުރުސަތު ނުދޭނެކަމަށް ވިދާޅުވެ، އުމަރު ނަސީރު ހައްޔަރު ކުރަން ގޮވާލާފަ އެވެ.