އެކި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއަށް ވަދެވޭ ގޮތަށް ވަޒީފާއަށް ވަދެވޭ އުމުރު 55 ން 60 އަހަރަށް އިތުރުކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން އުމުރުން 55 އަހަރުން ދޮށީ އުމުރުގެ ދިވެހިންނަށް ސިވިލް ސަރވިސްއަށް ވަނުމުގެ ޝަރުޠު ފުރިހަމަނުވެއެވެ.
13 މާއްދާ ހިމެނޭ ގޮތަށް ސިވިލް ސަރވިސްގެ ޤާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، އެ ޤާނޫނުގެ 38 ވަނަ މާއްދާއާ 5 ވަނަ މާއްދާގެ (ބ) އާ ތަޢާރަޟުވާތީ އެކަން އިސްލާހުކުރުމަށްވެސް އެ ބަދަލުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އެ ޤާނޫނުގެ 38 ވަނަ މާއްދާގައި މިހާރުވެސް ވާ ގޮތުން، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި އެ މީހެއްގެ ތައުލީމަށާއި، މަސައްކަތު ހުނަރަށް އަދި މަސައްކަތު ތަޖުރިބާއަށް ބަލަންޖެހެއެވެ.
ސިވިލްސަރވިސް ޤާނޫނުގެ 5 ވަނަ މާއްދާގެ (ބ) އުނިކުރަން ހުށަހަޅާފައިވާ ސަބަބަކީ ސިވިލްސަރވިސް ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑުތައް 5 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ފުޅާކޮށް މާ ފުރިހަމައަށް ބަޔާންކޮށްފައި އޮންނަ ހިނދު 5 ވަނަ މާއްދާ އާއި 38 ވަނަ މާއްދާގައި ފުށުއެރުންތަކެއް ހުރުމާއި ގުޅިގެންނެވެ. މިގޮތުން 5 ވަނަ މާއްދާގެ (ބ) އުނި ކުރިކަމުގައި ވިޔަސް 38 ވަނަ މާއްދާގެ (ހ) އަދި (ށ) މިހާރުވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ދެމި އޮންނާނެއެވެ. 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ސިވިލްސަރވިސް މަޤާމުތަކަށް މީހުން އައްޔަން ކުރަންވާނީ ސިޔާސީ ނުފޫޒްތަކުން އެއްކިބާވެ ހުރެ މެރިޓަކީ އަސާސީ މިންގަނޑުކަމުގައި ބަލައިގެންނެވެ. ހަމަ އެއާ އެކު 38 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ވަޒީފާއަށް މީހުން އައްޔަން ކުރެވެން ވާނީ ތަޢުލީމީ ފެންވަރާއި' ތަޖުރިބާ އާއި މަސައްކަތު ހުނަރަށް ބަލައިގެން މަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ކަމުގައެވެ.
ސިވިލްސާރވިސް ކޮމިޝަންގެ ނައިބްރައީސް އިބްރާހިމް ރަޝީދު މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
މި މާއްދާއާ އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ބ) އާ ތަޢާރަޟުވެއެވެ. ނަމެސް 5 ވަނަ މާއްދާގެ (ބ) އުނިކުރުމުން 38 ވަނަ މާއްދާގައިވާ ގޮތަށް، މިހާރުވެސް މުވައްޒަފުން ނަގާ އުސޫލުން މުވައްޒަފުން ނެގުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުރަހެއް ނޯންނާނެކަމަށް މަޢުލޫމާތުލިބިފައިވެ އެވެ.
ސިވިލް ސަރވިސްގެ ޤާނޫނަކީ، ޤާނޫނުއަސާސީއަށް ވުރެ ކުރީގެ ޤާނޫނަކަށް ވާތީ، ޒަމާނާ އެއްގޮތަށް އިދާރާތަކާއި މުވައްޒަފުން ބެލެހެއްޓުމަށް ބޮޑެތި ބަދަލުތައް އަދިވެސް އެ ޤާނޫނަށް ގެންނަންޖެހިފައިވާ ކަމުގައި ދާއިރާގެ ގިނަބަޔަކު ގަބޫލުކުރެއެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީވެސް ސިވިލް ސަރވިސް ޒަމާނީ ފެންނަވަރަށް ހިންގުމަށާއި، އާންމު ރައްޔިތުންނަށާއި އިދާރާތަކަށް ލުއި ފަސޭހަތައް ގެންނާނެ އިސްލާހަކަށް ވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!