މިދިޔަ އަހަރު ފާސްކޮށް، މިހާރު އަމަލު ކުރެވެމުންދާ ''ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު''ގެ ދަށުން އުފައްދާ ޕޮލިސް ބޯޑަށް އާއްމުންގެ ފަރާތުން ހާމިދު އަބްދުލްޢަފޫރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި، ހާމިދު ޕޮލިހުންގެ ބޯޑަށް އައްޔަނު ކުރަން ފެންނަ ކަމަށް 41 މެމްބަރަކު ވޯޓު ދެއްވިއެވެ.

Ad
rt

އެ މަގާމަށް ހާމިދުގެ އިތުރުން 4 މީހެއް ކުރިމަތިލިއެވެ. އެއީ، ޒީނަތު އަލީ ދަފްތަރު 1626، ލަބީގު މުހައްމަދު މާހިދު މ. މަނަދޫ ވިއު، ޒުބައިރު އަހުމަދު މަނިކު ގ. މަލްވަނި އަދި އަލީ މުހަައްމަދު މަނިކު ދަފްތަރު 1851 އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ހާމިދު އައްޔަނު ކުރަން ރުހުން ދިންއިރު، އޭނާ އަކީ މިހާރު ވެސް ގައުމީ ޔުނިވާސިޓީގެ ކައުންސިލް މެންބަރެކެވެ.

މަޖިލީހުން މިއަދު ވަނީ ޕޮލިސް ބޯޑަށް ހޮވަންޖެހޭ ދެވަނަ މެންބަރު ކަނޑައެޅުމަށްޓަކައި، އެ މަގާމަށް ކުރިމަތި ލުމަށް މިއަދު ފުރުޞަތު ހުޅުވާލާފައެވެ.

ގާނޫނު ބުނާ ގޮތުން ޕޮލިސް ބޯޑު އެކުލުވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ.