ޓޫރިޒަމް ދާއިރާއިން ދުނިޔޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ "ރެޑް ސީ ޕްރޮޖެކްޓް"ގެ އެއާޕޯޓުގެ މަސައްކަތް ފަށައިފިއެވެ.

މި އެއާޕޯޓުގެ ޑިޒައިންކޮށް ހެދުމުގެ މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އާކިޓެކްޗާ ފާމް ކަމަށްވާ ފޮސްޓާ ޕްލަސް ޕާޓްނާސް އިންނެވެ. މި އެއާޕޯޓު ހެދުމުގައި އިންސްޕްރޭޝަނެއްގެ ގޮތުގައި ބަލާފައިވަނީ ސައުދީގެ ހަނަފަސް ސަހަރާތަކުގައި ހެދިފައި ހުންނަ ވެލި ފުނިތަކެވެ.

Ad
rt

ފޮސްޓާ ޕްލް ޕާޓްނާސްއިން ބުނެފައިވާގޮތުގައި ރެޑް ސީ އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނީ އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް މުޅިން ތަފާތު ތަޖުރިބާއަކަކަށް ކަމަށެވެ. އެގޮތުން، ފެހިކަން ބޮޑުވެފައި އިރުގެ އަލިކަން ލިބޭ ގޮތަށް މިތަން ހެދުމަށް ވަނީ ނިންމައިފައެވެ. އެ ކުންފުނިން ހަދާފައިވާ 3ޑީ ކުރެހުންތަކަށް ބަލާއިރު އެއާޕޯޓުގެ އެތެރެ ސިފަވަނީ ނޭޗާ ޕާކެއް ހެންނެވެ.

މި އެއާޕޯޓުގައި ފަސް ޕޮޑު ހަދާނެއެވެ. އެއިން ކޮންމެ ޕޮޑަކީ އެއް ޓާމިނަލެވެ. މިއިން ކޮންމެ ޕޮޑެއްގައި ޑިޕާޗާ ލައުންޖެއްގެ އިތުރުން ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަންވެސް ހުންނާނެއެވެ.

ފުރަން އަންނަ މީހުންނަށް އައުމުގެ ކުރިން އެމީހަކު ދާން ޖެހޭ ޕޮޑު އެނގޭނެއެވެ. އެހެންކަމުން އެ މީހަކު ދާން ޖެހޭނީ އެ ޕޮޑަކަށެވެ. މީގެ ސަބަބުން ވަގުތު ސަލާމަތްވާނެ ކަމަށްވެސް އާކިޓެކްޗާ ފާމުން ގަބޫލު ކުރެއެވެ.

މި އެއާޕޯޓަކީ ތިމާވެއްޓާ ރައްޓެހި އެއާޕޯޓަކަށް ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި އެއާޕޯޓުގައި ބޭނުން ކުރާނީ 100 އިންސައްތަ އިއާދަ ކުރަނިވި ހަކަތަ ކަމަށްވަނީ ބުނެފައެވެ.

ރެޑް ސީ ޕްރޮޖެކްޓަކީ ޓޫރިޒަމަށް ހާއްސަކޮށްގެން ސައުދީގައި ހަދާ ތަނެކެވެ. މިތަނުގައި ޗުއްޓީ ހޭދަ ކުރަން އަންނަ މީހުންނަށް 100 ވިލާ ހަދާއއިރު ޓޫރިސްޓް ހޮޓަލެއްވެސް އިމާރާތް ކުރުމަށް ވަނީ ރާވާފައެވެ. މި ޕްރޮޖެކްޓު އެއްކޮށް ނިންމާލެވޭނީ 2030ގައި ކަމަށް ސައުދީން ވަނީ ބުނެފައެވެ.

މި ސަރަހައްދު އެއްކޮށް ތަރައްގީ ކޮށް ނިމުމުން ކޮންމެ އަހަރަކު އެއް މިލިއަން ޓޫރިސްޓުން އެތަނަށް ޒިޔާރަތް ކުރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.