ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، ވާދަވެރި ރެއާލް މެޑްރިޑް އެ ޓީމް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

ހޮނހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރު ވެފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ގެޓާފޭގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މި މެޗުގައި އެ ޓީމަށް މައްސަލަ ކުރިމަތިވީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ އެލަން ނިއޯމްއަށް ރަތްކާޑް ދެއްކުމާއި ގުޅިގެންނެވެ. ނިއޯމް އެތުލެޓިކޯގެ ރެނަން ލޯޑީއަށް ކުރި ޓެކްލާއި ގުޅިގެން ރަތްކާޑް ދައްކާފައިވަނީ ވީއޭއާރުން ބެލުމަށް ފަހުއެވެ. ގެޓާފޭއިން އެއް ކުޅުންތެރިއަކު މަދުވުމާއި ގުޅިގެން އެތުލެޓިކޯއިން ވަނީ މެޗުގެ ފަހުބައިގައި ކައިރި ކައިރީގައި ގިނަ ހަމަލާތަކެއް ގެޓާފޭގެ ގޯލަށް ފޮނުވާލާފައެވެ.

މިގޮތުން މެޗުގެ 76 ވަނަ މިނެޓުގައި މޫސާ ޑެމްބެލޭއަށް ހުސް ފުރުޞަތެއް ވަނީ ލިބިގެން ގޮސްފައެވެ. އޭގެ ދެ މިނެޓްފަހުން އެތުލެޓިކޯގެ ޕޯޗުގަލް ފޯވާޑް ފެލިކްސް ފޮނުވާލި ހަމަލާ ފާހަގަ ކޮށްލެވެއެވެ. މި ދެ ހަމަލާވެސް ގެޓާފޭގެ ކީޕަރުވަނީ ދިފާއު ކޮށްފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި އެތުލެޓިކޯއިން އުފެއްދި ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު ރެއާލް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ފެނިފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް އިދިކޮޅު ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެލްޗޭއިންނެވެ. މެޗުގެ 61 ވަނަ މިނެޓުގައި އެލްޗޭއަށް ލީޑު ނަގައިދިނީ ޑެނީ ކާލްވޯއެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ރެއާލް މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދިން ހަތަރު މިނެޓުގެ ތެރޭގައި ބެންޒެމާ ޖަހައިދިން ލަނޑުންނެވެ.

އެތުލެޓިކޯއަށް މި މެޗު ކާމިޔާބު ކޮށްގެން ދެވަނާގައި އޮތް ރެއާލްގެ މައްޗަށް އަށް ޕޮއިންޓްގެ ލީޑެއް ހޯދެން އޮތް ނަމަވެސް މެޗު އެއްވަރު ވުމާއި ގުޅިގެން މި ދެ ޓީމްގެ ދެމެދުގައި މިހާރު އޮތީ ހަ ޕޮއިންޓްގެ ފަރަގެކެވެ. އެތުލެޓިކޯއަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ރެއާލް އޮތީ 27 މެޗުން 57 ޕޮއިނޓް ހޯދައިގެންނެވެ. ތިންވަނާގައި ބާސާ އޮތީ 26 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ހޯމަ ދުވަހުގެރޭ ހުއެސްކާ އަތުން ބާސާ މޮޅުވެއްޖެނަމަ އެ ޓީމަށް ޕޮއިންޓް ތާވަލުގެ ދެވަނަ ލިބިގެންދާނެއެވެ. އަދި އެއްވަނާގައި އޮތް އެތުލެޓިކޯއާއި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެގެން ދާނެއެވެ.

އެތުލެޓިކޯއާއި އެއްވަރުކުރި ގެޓާފޭ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 27 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ރެއާލްއަތުން ބަލިވި އެލްޗޭ އޮތީ ތާވަލުގެ 17 ވަނާގައެވެ. ރެލިގޭޝަންގެ ބިރާ ކުރިމަތިވެފައިވާ އެލްޗޭއަށް 26 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.