މޯލްޑިވިއަން އިން އިންޑިއާގެ މުމްބާއީ އާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރުވެއްޖެއެވެ.
އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މުމްބާއީ މާފަރުދަތުރުތައް ފަށާނީ އަންނަ މަހު 13ގައި ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާފަރު އެއާޕޯޓަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރު ކުރާ އެއާޕޯޓެއް ކަމަށާއި މި ދަތުރުތަކުގެ ސަބަަބުން އެ ސަރަހައްދުގެ ހަތަރު އަތޮޅެއްގެ ޓޫރިޒަމަށްފައިދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ނ. ރ. ބ. އަދި ޅ. އަތޮޅެވެ.
"މި ދަތުރުތައް ފަށަން ކުރަން ޖެހޭ ހުރިހާ ތައްޔާރީތައް އަޅުގަނޑުމެން އަންނަނީ ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި އިންޑިއާގެ ޓްރެވަލް އޭޖެންޓުންނާ ގުޅިގެންކުރަމުން. މިހާތަނަށް ވަރަށް ރަނގަޅު ތަރުހީބެއްވެސް ވަނީ ލިބިފައި،" މިހާދު ވިދާޅުވި އެވެ.
“އަޅުގަނޑު އެދެން މި ސަރަހައްދުގެ ހުރިހާ ގެސްޓްހައުސްތަކާއި ރިސޯޓުތަކުން މި ފުރުސަތުގެ ބޭނުން ހިފަން،”
މިއަހަރުގެ މިހާތަނަށް އެ އެއާޕޯޓަށް 211 ޕްރައިވެޓް ޖެޓް ވަނީ ޖައްސައިފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ (ޖެނީ) ވިދާޅުވީ މި ދަތުރުތައް ފެށުމުން ރައްޖޭގެ އިގްތިސާދަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އަދި މުމްބާއީއާއި މާފަރާ ދެމެދު ދަތުރުތައް ކުރަން ބޭނުން ކުރަނީ ކުރިން ޗައިނާއަށް ދަތުރު ކުރަން ބޭނުން ކުރި ބޯޓުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކޮވިޑާ ހެދި ޗައިނާއަށް ކުރާ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން އެ ގައުމަށް ދަތުރު ކުރަން ބޭނުން ކުރި ބޯޓުތައް ބޭނުންތެރި ގޮތުގައި ބޭނުން ކުރުމަށް މި ދަތުރުތައްފެށީ. މިއީ ހަމައެކަނި މި ހަތަރު އަތޮޅަށް ފައިދާ ވާނެތީއެއް ނޫން. އެކަމަކު މުޅި އިގްތިސާދަށްވެސް މީގެ ރަނގަޅު އަސަރު ކުރާނެތީ،" ޖެނީ ވިދާޅުވިއެވެ.
މުމްބާއީގެ އިތުރުން ކުރިއަށް އޮތްތާނގައި އިންޑިއާގެ އެހެން ސިޓީތަކުންވެސް މާފަރަށް ސީދާ ދަތުރުތައް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!