އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ އިއްޔެގެ ވަގުތެއްގައި ދޫނިދޫގައިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Ad
rt

ފުލުހުން ބުނެފައިވަނީ ނައްތާލާފައިވަނީ 42 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2012 ވަނަ އަހަރުގެ އެއް މައްސަލައަކާއި 2017 ވަނަ އަހަރުގެ އެއް މައްސަލައެއްގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނައްތާނުލެވިހުރި ޖުމްލަ 210 މައްސަލައެއްގައި ހިމެނޭ ތަކެތިކަމަށެވެ.

މިމައްސަލަތަކުގެ ތެރެއިން ނައްތާލާފައިވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާކަމަށާއި އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ތަކެތީގެ ތެރޭގައި ހިމެނެނީ 210 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 5،510 ފުޅިއާއި 290 ޕެޓްފުޅިއާއި 4،947 ބިޔަރު ދަޅުގެ އިތުރުން 24 ހަމާއި ފަސް ލީޓަރުގެ 9 ފުޅިއާއި 9 ޓައްޕު އަދި 192 އެހެނިހެން ތަކެތި

ފުލުހުން ބުނެފައިވެއެވެ.

މިތަކެއްޗާއިއެކު ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތައްޓާއި ބާލިދީ އާއި ގޭސް އުނދުން އަދި ގޭސް ފުޅިފަދަ ތަކެއްޗެވެ.

އިއްޔެ ދޫނިދޫގައި ނައްތާލި ތަކެއްޗާއެކު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ ބަނގުރާއާއި އެކި ސަބަބުތަކާއި ހެދި ނައްތާނުލެވޭ ތަކެތީގެ އިތުރުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެން ހުރިހާ ބަނގުރާ ނައްތާލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.