ކަޅު ނަސްލުގެ މީހަކަށްވާތީ އަނިޔާކޮށް މަރާލި ޖޯޖު ފްލައިޑްގެ މަރުގެ ބަދަލުގައި އޭނާގެ އާއިލާއަށް 27 މިލިއަން އެމެރިކާ ޑޮލަރު ދޭން މިނިއަޕޮލިސް ސްޓޭޓުން ނިންމައިފިއެވެ.
ޖޯޖް ފްލޮއިޑް މަރާލައިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މިނިޔަޕޮލިސް ސްޓޭޓުގައެވެ. އޭނާ މަރާލީ އެ ސްޓޭޓުގެ ފުލުހުންތަކެކެވެ.
އޭނާ މަރުވީ އޭނާ ވައްކަން ކުރި ކަމަށްބުނެ ދޮން ނަސްލުގެ ފުލުހަކު ކަމަށްވާ ޑެރެކް ޗައުވިން އޭނާގެ ކަރުމައްޗަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުންނެވެ. ފްލައިޑް ވަނީ އޭނާއަށް ނޭވާނުލެވޭ ކަމަށް ބުނެ އެތައް ފަހަރަކު ކަކޫ ނަގާލަން ބުނެފައެވެ. ނަމަވެސް ނުވަ މިނެޓް ވަންދެން އެގޮތަށް ނޭވާ ހޮޅި ބަންދުވެފައި އޮތުމުން އޭނާ މަރުވީއެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ މިދިޔަ އަހަރު އާއްމުވެފައެވެ. މިއާއެކު ނަސްލީ ތަފާތު ކުރުމާއި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އެމެރިކާގައި ވަނީ ހަމަނުޖެހުންތައް ހިންގާފައެވެ. އަދި އޭނައަށް އިންސާފަށް އެދި ދުނިޔޭގެ އެކި ގައުމުތަކުގެ ރައްޔިތުން ވަނީ ގޮވާލައިފައެވެ.
ޖޯޖު ފްލޮއިޑްގެ އާއިލާގެ ވަކީލު ބުނީ މިއީ މިހާތަނަށް އެމެރިކާގެ ތާރީހުގައި ވެސް މީހެއްގެ މަރަށް ކޯޓުން އާއިލާއަކަށް މިހާ ބޮޑު ބަދަލެއް ދިން ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އިންސާފު ހޯދުމުގައި އާއިލާއަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި މީގެ ސަބަބުން ނަސްލީ ތަފާތު ކުރުން މަދުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
ފްލޮއިޑް މަރާލި ޗައުވިންއާ ދެކޮޅަށް އޭނާގެ އާއިލާއިން ވަނީ މައްސަލަ ހުށަހަޅައިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްތަކާ ނުލައި މީހަކު މަރާލުމުގެ ދައުވާއެވެ. އޭނާ ވަނީ ދައުވާތަކަށް ދެކޮޅު ހަދައިފައެވެ. އަދި އެއީ އޭނާއަށް ލިބިފައިވާ ތަމްރީނުތަކާ އެއްގޮތަށް ކުރި ކަމެއް ކަމަށް އޭނާ ބުންޏެވެ.
މި ކަމުގައި ޗައުވިންއާއެކު އިތުރު ތިން ފުލުހަކު ވެސް ބައިވެރިވިއެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމަށް އެހީވި ކަމުގެ ދައުވާއެވެ.
މި ހަތަރު ފުލުހުންވެސް ވަނީ މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!