ދިވެހި ކަނޑުތަކުގައި ލޯބޯ ފިއްސައިގެން ދިވެހި މަސްވެރިން ކުރަމުންދާ އަގު ނުކުރެވޭ ޚިދުމަތުގެ ތެރެއިން އއ. ރަސްދޫއަށް ނިސްބަތްވާ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ''ރަންދުވެލި'' ދޯނިން ތިމާވެއްޓަށް ކުރަމުންދާ ޚިދުމަތުގެ ވާހަކައަކީ ދައްކައިނުލާ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ.
''ރަންދުވެލި'' ދޯނިން ދަނީ އެ ދޯނި ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން ކުރަމުންދާ ދަތުރުތަކުގައި ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތަކުން އުފެދޭ ކުނީގެ ބާވަތްތައް ކަނޑަށް އުކާނުލައި، ރީސައިކަލް ކުރުމަށް ރަށަށް ގެންދަމުންނެވެ. ކަނޑަށް ޕްލާސްޓިކްގެ ބާވަތްތައް އެކުލެވޭ ކުނި ނާޅައި، އެ ދޯނިން މި މިސާލު ދައްކާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ.
ޕްލާސްޓިކްގެ ބާވަތްތަކުން އުފެދޭ ކުނި ކަނޑަށް ނާޅާތާ އަހަރަކަށް ވުރެ ގިނަ ދުވަސް
ރަންދުވެލި ދޯނީގެ މި ނަމޫނާގެ ވާހަކައިން ތަންކޮޅެއް ''ތިލަދުން''އަށް ހިއްސާ ކުރީ އެ ދޯނީގެ ފަރާތުން ޢަބުދުﷲ ވަޙީދެވެ.
''އަޅުގަނޑުމެން މިކަން މިގޮތަށް ކުރަންފެށީ 2019 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް، އެ އަހަރުގެ ޑިސެމްބަރ 10 ވަނަ ދުވަހުން ފެށިގެން، އެ ދުވަހުން މިއަދާ ހަމައަށް ވެސް މި ދޯނީގައި އުފެދޭ ޕްލާސްޓިކްގެ ބާވަތްތައް ހިމެނޭ ކުނި ކަނޑަށް ނާޅައި މިގެންދަނީ ރަށަށް''- ޢަބުދުﷲ ވަޙީދު ބުންޏެވެ.
އޭނާ ބުނިގޮތުގައި އެކަން ފެށުނީ ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާއި، ރަސްދޫ ކައުންސިލާވެސް ގުޅިގެންނެވެ.
''އަޅުގަނޑުމެން ކަންނެއްޏަށް ނުކުމެ އުޅޭއިރު ދޯނީގެ ދެ ތަނބުންކުރެ ކޮންމެ ތަނބެއްގައި ހުންނާނެ ގޯންޏެއް އެލުވާފައި، ޕްލާސްޓިކް ފުޅި ފިއްތާފަ އެ ގޯންޏަށް އަޅަނީ، ގޯނި ފުރުނީމަ އަނެއް ގޯނި އެލުވަނީ، ދަތުރު ނިންމާފަ ރަށަށް އައިސް ބަނދަރަށް ބޭލީމަ ދެން ކައުންސިލުން ކުރިއަށް ގެންދަނީ''- ޢަބުދުﷲ ވަޙީދު ބުންޏެވެ.
ރަންދުވެލި ދޯނީގައި ޕްލާސްޓިކްގެ ބާވަތްތައް އަޅަން ގޯންޏެއް އެލުވާފައި
ކޮންމެ ދަތުރެއްގައި 9 ގޯނި ޕްލާސްޓިކް!
ޢަބުދުﷲ ވަޙީދު ބުނިގޮތުގައި އެ ދޯނި ކަންނެއްޔަށް ފުރާ ކޮންމެ ދަތުރެއްގައި އެނބުރި ރަށަށް ދާއިރު ދޯނީގައި އުފެދޭ ކުނީގެ ތެރެއިން 9 ވަރަކަށް ގޯނި ޕްލާސްޓިކް ރަށަށް ގެންދެވެއެވެ.
''މިއީ 99 ފޫޓްގެ ދޯންޏެއް، 19 މީހުން އެބަ މަސައްކަތްކުރޭ މި ދޯނީގައި، އެހެންވީމާ ވަރަށްގިނަ ފެން ވެސް ބޮވޭނެ ނޫންތޯ؟ 19 މީހުން މަހެއްހާ ދުވަހު ކަނޑުމަތީ އުޅޭއިރު ވަރަށް ގިނަ ކުނި ވެސް އުފެދޭނެ ނޫންތޯ؟''- ޢަބުދުﷲ ވަޙީދު ބުންޏެވެ.
''ރަންދުވެލި ޓީމުން ޕުލާސްޓިކް މިގޮތައް މެނޭޖްކުރާތާ 1 އަހަރަށްވުރެ ގިނަވީ. މީކީ ކުރާކަށް ބުރަކަމެއް ނޫން. މީވެސް އަހަރުމެންގެ އެންވެރިކަމާ މަސްވެރިކަމަށް ގުޅުން ހުރިކަމެެއް. ޕުލާސްޓިކް ކުނި ކަނޑު ފަޅުތަކަށް ނާޅާ.''- ރަންދުވެލި ޓީމް
ރަންދުވެލި ދޯނީގެ ފަޅުވެރިން ދަތުރު ނިންމާފައި ޕްލާސްޓިކް އަޅާފައި ހުރި ގޯނިތައް ރަސްދޫއަށް ބާލަނީ
އެންމެބޮޑު ގޮންޖެހުމަކީ ކަންނެލިކިރާ ތަންތަނުގައި ޕްލާސްޓިކް ނައްތާލެވޭނެ އިންތިޒާމެއްނެތުން
ޢަބުދުﷲ ވަޙީދު ބުނީ، ކަންނެއްޔަށް ނުކުންނަ ކޮންމެ ދަތުރެއްގައި ތިން ވަރަކަށް ބުރު އެޅޭ ކަމަށެވެ. މާނައަކީ ކޮންމެ ބުރެއްގައި ތިންފަހަރު ކަންނެލި ބާނައިގެން ކަންނެލި ކިރަން އެކި ފެކްޓްރީތަކަށް ދެވެއެވެ. ނަމަވެސް ކަންނެލި ފެކްޓްރީތައް ހުންނަ ހުޅުމާލެ، ކ. ހުރާ. ކ. ހިންމަފުށި ފަދަ ރަށްރަށް އެ ދޯނީގައި އުފެދޭ ޕްލާސްޓިކް އަޅާފައި ހުންނަ ގޯނިތައް ބާލައި، އެ ޕްލާސްޓިކްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުރުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ގޮތުގައި އޭނާ ފާހަގަ ކުރެއެވެ.
''ދަތުރެއްގައި ފުރަތަމަ ބުރު ކަންނެލި ބާނައިގެން މި ދަނީ ފެކްޓްރީއަކަށް ކިރަން، އެ ދާއިރުވެސް ޕްލާސްޓިކްއަޅާފައި ހުންނަ ގޯނިތައް ހުންނާނެ، ތިން ބުރުއަޅާއިރު އެ ގޯނިތައް ގިނަވެފައިތާ ހުންނާނީ، އެ ގޯނިތައް ދޯނީގެ ބޮޑު ޖާގައެއްވެސް ހިފާފައި ހުންނަނީ، އެކަމަކުވެސް ފެކްޓްރީތައް ހިންގާ ރަށްރަށަށް އެ ގޯނިތައް ބޭލޭކަށް ނުހުރޭ، ދަތުރު ނިންމާފައި އަނބުރާ ރަށަށް އާދެވެންދެން ދޯނީގައި ބަހައްޓަން މިޖެހެނީ، ކަންނެލި ފެކްޓްރީތައް ހިންގާމީހުން އެ ފެކްޓްރީތައް ހުންނަ ތަންތަނަށް މި ގޯނިތައް ބާލައި، ރިސައިކަލްކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެފަރާތްތަކުގެ އެހީތެރިކަމެއް ލިބިއްޖެނަމަ މިކަމުގައި މިހާރު އުފުލަންޖެހޭ ތަކުލީފް ވަރަށް ބޮޑަށް ލުއިވެގެންދާނެ''- ޢަބުދުﷲ ވަޙީދު ބުންޏެވެ.

ޢަބުދުﷲ ވަޙީދު ބުނީ، ކަންނެލި ފެކްޓްރީތައް ހިންގާ މީހުން، އެ އިންތިޒާމް ހަމަޖައްސައިދޭތަން ދުށުމީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
އެ ތަކުލީފާއިއެކުވެސް ޢަބުދުﷲ ވަޙީދާއި، ''ރަންދުވެލި'' ދޯނީގެ ބަދަހި ޓީމް ތިބީ ވެށީގެ ރައްކަލަށްޓަކައި ދޫދޭކަށް ނޫނެވެ. އެ ޓީމު ދަނީ ރާއްޖޭގެ މި ނާޒުކު ތިމާވެށީގެ މުހިންމުކަން އެހެންމީހުންނަށްވެސް ވިސްނައިދިނުމުގައި ނަމޫނާ ދައްކަމުންނެވެ. އެހެން ދޯނިތަކުން ވެސް އެ ޓީމްގެ ކިބައިން މިސާލުނަގައި، އެ ހިތްވަރުން ހިތްވަރު ލިބިގަތުމީ މިވެށީގެ ރައްކަލަށް ކޮށްދެވޭނެ އަގުހުރި ޚިދުމަތެއްކަން ގައިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!