ޔޫރަޕްގެ ކުލްބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކަޓުވާލުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ފުރަތަމަ ލެގުގެ މެޗު ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅެފައިވާއިރު އެ ޓީމުން އެ މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މުބާރާތުގައި މި ދެ ޓީމް ބައްދަލުކުރި ދެވަނަ ލެގުގެ މެޗް އަންގާރަ ދުވަހުގެ ރޭ ކުޅެފައިވަނީ ޔުވެންޓަސްގެ ދަނޑުގައެވެ. މެޗު ނިމިގެން ގޮސްފައިވަނީ 3-2 އިން ޔުވެންޓަސް މޮޅުވެގެންނެވެ. ނަމަވެސް ޕޯޓޯއަށް ކުއާޓާގެ ޖާގަ ކަށަވަރު ވެފައިވަނީ ދެ ޓީމް އެގްރިގޭޓް ނަތީޖާ 4-4 އެއްވަރުވެ އަވޭ ގޯލުން ކުރި ލިބިގެންނެވެ.
މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޔުވެންޓަސްއިން ކުޅުނު ނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ޕޯޓޯއިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޔުވެންޓަސްގެ އޭރިއާގެ ތެރެއިން އެ ޓީމްގެ ޑިފެންޑަރ ޑެމައިރަލް، ޕޯޓޯގެ ފޯވާޑް މެހްދީ ޓަރޭމީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީދިން ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޯޓޯގެ ޕޯޗުގަލް މިޑްފީލްޑަރ ސާޖިއޯ އޮލިވޭރާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ޕޯޓޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށުމާއިއެކު ޔުވެންޓަސްއިން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން އެ ޓީމުން ދެވަނަ ހާފުގެ ކުރީކޮޅު ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިޓަލީ ފޯވާޑް ފެޑެރިކޯ ކިއޭސާއެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ޕޯޓޯގެ ތުރުކީ ފޯވާޑް މެހްދީ ޓަރޭމީއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމާއި ގުޅިގެން މެޗުގެ ބޮޑުބައެއް އެ ޓީމުން ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޕޯޓޯގެ އެއް ކުޅުންތެރިއަކު މަދުވުމާއި އަދި މެޗުގެ 63 ވަނަ މިނެޓުގައި ކިއޭސާ އިތުރު ލަނޑެ ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލު ކޮށްލުމާއި ގުޅިގެން ޔުވެންޓަސްއިން މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބު ކޮށްފާނެ ކަމަށެ ބެލެވުނު ނަމަވެސް ޕޯޓޯއިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވަންދެން އިތުރު ލަނޑެއް ޖެހިޔަނުދީ މޮޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެގްރިގޭޓުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޮލިވޭރާ ވަނީ ހިލޭ ޖެހުމަކުން ޕޯޓޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ރެބިއުޓް ލަނޑެއް ޖަހައި ނަތީޖާ 3-2 އަށް ބަދަލު ކޮށްލިއެވެ. މެޗުގެ ފަހު ވަގުތު ކޮޅުވެސް ޔުވެންޓަސްއިން ޕޯޓޯގެ ގޯލަށް ނުރައްކާކުރި ނަމަވެސް މެޗު ނިމުގެން ގޮސްފައިވަނީ މި ނަތީޖާއިންނެވެ. މި ނަތީޖާއާއިއެކު އެގްރިގޭޓް ނަތީޖާ 4-4 ވަނީ އެއްވަރު ވެފައެވެ. ޕޯޓޯއަށް ކުރި ލިބިފައިވަނީ އަވޭ ގޯލުގެ ތަފާތުންނެވެ.
މިއީ އަވޭ ގޯލުގެ ތަފާތުން މި މުބާރާތުގެ ދެވަނަ ބުރުން ޔުވެންޓަސް ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ. ފާއިތުވި ސީޒަންގައި ޔުވެންޓަސް މި މުބާރާޓުގެ ދެވަނަ ބުރުން ކަޓާފައިވަނީ ލިޔޯންއަތުން ބަލިވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!