އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ތައާރަފު ކުރި ރިކަވަރީ ލޯނުގެ ގްރޭސް ޕީރިއެޑް ގެ މުއްދަތު ފިނޭންސް މިނިސްޓްރީން ހަ މަހަށް އިތުރުކޮށްދީފިއެވެ.
މިއީ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ލޯނެކެވެ. އެގޮތުންގިނަ އަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ ވިޔަފާރިތަކަށް އެ ބޭންކުން ވަނީ ލޯނު ދޫކޮށްފައެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ މިހާތަނަށް ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށްވެސ ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ 12 މަހުގެގްރޭސް ޕީރިއަޑެއް ލިބޭނެ ކަމަށެވެ. އަދި މި ފުރުސަތު ދިނުމުގައި ލޯން އެޕްލިކޭޝަން އިވެލުއޭޓްކުރުމުގައި އެސްޑީއެފްސީން ގެންގުޅޭ މިންގަނޑުތަކަށް ބަލާނެ ކަމަަށްވެސްއެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިހާރު ލޯނު ނަގައި ގްރޭސް ޕީރިއަޑް ހަމަ ނުވާ ފަރާތްތަކަށް އެ މުއްދަތު ހަމަވުމުން އިތުރު ހަ މަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ލޯނަށް އެދިފައިވާފަރާތްތަކުގެ ތެރެއިން ލޯނު ލިބޭ މީހުންނަށް 12 މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.
ފިނޭންސުން ބުނިގޮތުގައި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ގްރޭސް ޕީރިއަޑް އިތުރުކޮށްދޭ ފަރާތްތަކަށް އަންގާނެއެވެ. މިކަން އަންގާތާ 30 ދުވަހުގެ ތެރޭގައި ގްރޭސްޕީރިއަޑް އެކްސްޓެންޝަން ބަލައިގަނެ، އެކަމަށް ބޭނުންވާ ލިޔެކިޔުން ހަމަކުރަންވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!