މިދިޔަ އަހަރު ޝާހީ އާއިލާއާ ވަކިވި ޕްރިންސް ހެރީއާ އޭނާ އަނބިކަނބަލުން މޭގަން ކުރިމަތިލާން ޖެހުނު ކަންތައްތަކާ ގުޅިގެން ދެރަވާ ކަމަށް ޝާހީ އާއިލާއިން ބުނެފިއެވެ.
އިއްޔެ ބަކިންގްހަމް ޕެލެސް އިން ނެރުނު ބަޔާނެއްގައި ބުނީ މޭގަން އިންޓަވިއުގައި ފާހަގަކުރެއްވި ނަސްލީ ތަފާތު ކުރުމުގެ ވާހަކަތައް ބަލައި އެކަންކަން ހައްލު ކުރާނެކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެ ދެމަފިރިން ތަހައްމަލު ކުރަން ޖެހުނު ކަންކަމާ ގުޅިގެން ދެރަވާ ކަމަށްވެސް ވަނީ ބުނެފައެވެ.
“ނަސްލީ ތަފާތު ކުރުމާ ގުޅިގެން ދެއްކެވި ވާހަކަތަކަކީ ވަރަށްވެސް ކަންބޮޑުވާން ޖެހޭ ވާހަކަތަކެއް. އެކަންތައް ބަލައި އާއިލާގެ ތެރެއިން އެ މައްސަލަ ހައްލު ކުރާނަން،” އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ހެރީ އާއި މޭގަން އަދި އާޗީ ވާނީ އަބަދުވެސް އާއިލާގެ ހިއްސާއެއް ކަމަށާއި އަބަދުވެސް އާއިލާގެ ލޯބި ލިބޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މޭގަން ވަނީ އޭނާގެ އިންޓަވިއުގައި ކަޅު ނަސްލަށް ނިސްބަތްވާތީ ޝާހީ އާއިލާގެ ތެރެއިން ކުރަން ޖެހުނު ހިތި ތަޖުރިބާގެ ވާހަކަތައް ކިޔައިދެއްވާފައެވެ.
މޭގަން އާައި ޕްެރިންސް ހެރީ މިހާރު ދިރިއުޅުއްވަނީ އާއިލާއާ ވަކިން އެމެރިކާގެ ލޮސް އެންޖެލަސްގައެވެ. އެއީ މޭގަން ހެރީއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން ދިރިއުޅުއްވިތަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!