ރަޝިއާ އާއި ޗައިނާ ގުޅިގެން ލޫނާ ސްޕޭސް ސްޓޭޝަނެއް ހެދުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ރަޝިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ސްޕޭސް އޭޖެންސީގެ ހެޑް، ޑިމިޓްރީ ރޮގޯޒިންއެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަންގެ ޒަންގ ކޭޒިއަންއެވެ.

Ad
rt

މި ދެ ގައުމު ގުޅިގެން ސްޕޭސް ސްޓޭޝަނެއް ހަދަނީ އެމެރިކާގެ ސްޕޭސް ޕްރޮގްރާމާ ވާދަ ކުރުމަށެވެ. އެމެރިކާއިން ވަނީ ކައުނާ ބެހޭ ރިސާޗުތައް ހެދުމަށް މޮސްކޯއާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައެވެ.

ރަޝިއާއިން ބުނެފައިވާ ގޮތުގައި މި ސްޕޭސް ސްޓޭޝަން ބަހައްޓާނީ ހަނދުގެ ސާފޭސްގައި ނުވަތަ އޯބިޓުގައެވެ. މިއީ އެކްސްޕެރިމެންޓަލް ރިސާޗް ފެސިލިޓީއެއްކަމަށާއި ބޭނުންވާ ގައުމުތަކަށް އެތަނުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.

ރަޝިއާ އަކީ އެންމެ ފުރަތަމަ ޖައްވަށް މީހަކު ފޮނުވި ގައުމެވެ. ނަމަވެސް ފަންޑު ލިބުމުގައި ހުރި ދަތިތަކާއި ކޮރަޕްޝަނުގެ ސަބަބުންް އެ ގައުމުގެ ސްޕޭސް ޕްރޮގްރާމްތައްވަނީ ފަހަތަށް ޖެހިފައެވެ.

ވަރަށް ފަހަކާ ޖެހެންދެން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށްވެސް މީހުން ފޮނުވަމުން އައީ ހަމައެކަނި ރަޝިއާއިންނެވެ. ނަމަވެސް އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިއާ އީލާން މަސްކުގެ ސްޕޭސް އެކްސް ޕްރޮގްރާމާއެކު އެމެރިކާއިންވެސް ވަނީ މީހުން ފޮނުވަން ފަށައިފައެވެ.

ޗައިނާގެ އުޅަނދެއް މިވަގުތު އަންނަނީ މާސްގެ އޯބިޓު ތެރޭގައި ބުރު ޖަހަމުންނެވެ. އެ ގައުމުން ވަނީ މިދިޔަ އަހަރު ކާމިޔާބު ކަމާއެކު ހަނދުން ސާމްޕަލްތައްވެސް ގެނެސްފައެވެ.