ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމަށް "ވެކްސިން ޕާސްޕޯޓެއް" ތައާރަފްކުރާ ހާލަތަށް އަދި ދުނިޔެ ނުދާކަމަށާއި، އެކަމާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނާ ބުނުން ތަކުރާރުކޮށްފިއެވެ.
އެ ޖަމިއްޔާއިން ހުސްވި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ވެސް މި މޭރުމުން ވާހަކަ ދައްކާފައިވާއިރު، މި މަހުގެ 8 ވަނަ ދުވަހުގެރޭ ވެސް މި ވަނީ މިވާހަކަ ތަކުރާރުކޮށްފަ އެވެ.
މީގެއިތުރުން "ވެކްސިން ޕާސްޕޯޓް" ތައާރަފް ކުރުމާ ގުޅޭގޮތުން އެ ޖަމިއްޔާއިން މިއަހަރުގެ ޖެނުއަރީމަހު ވަނީ ރެކޮމެންޑޭޝަނެއްވެސް އާންމުކޮށްފައެވެ. މިގޮތުން ވެކްސިންދީގެން ކޯވިޑްބަލި ފެތުރުން މަދުކުރެވޭކަމަށް ކަނޑައެޅުމުގައި އަދިވެސް ނޭނގޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، ހަމަ އެއާއެކު، ދުނިޔޭގައި ވެކްސިން ލިބެން އަދި ހުރީވެސް ވަރަށް މަދުންކަމަށް އެ ރެކޮމެންޑޭޝަންގައި ބުނެފަ ވެއެވެ. އެ ސަބަބަށްޓަކައި ބަލިޖެހިފައި ނެތްކަމުގެ ހެއްކަކަށް ވެކްސިންޖެހުން ޝަރުތުކޮށްގެން ނުވާނެކަމަށް ވެސް ބުނެފަ ވެއެވެ.
ޑަބްލިޔުއެޗްއޯގެ ބުނުން ތަކުރާރު ކުރަމުން، މާރިޗް 8 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑަބްލިޔޫއެޗްއޯގެ ހެލްތު އިމަޖެންސީ ޕްރޮގްރާމްގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކަލް ޖޭ ރަޔާން ވިދާޅުވީ، ދަތުރުފަތުރު ކުރުމުގެ ޝަރުތަކަށް ވެކްސިން ސެޓްފިކެޓެއް އޮތުން ލާޒިމްކުރުމުގެ ކުރިން ގައުމުތަކުން އެކަމަށް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އަދި އެކަމަކީ، އެ ޖަމިއްޔާއިން އަދި ތާއީދު ކުރާ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގައި އަދިވެސް ފަސޭހައިން ވެކްސިން ލިބޭން ނެތްކަން ފާހަގަ ކުރައްވަމުން ޑރ. މައިކަލް ޖޭ ރަޔާން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ހިސާބުތަކުގެ ރައްޔިތުންނާ ފުދޭ މިންވަރާ ގާތަށް ވެސް އަދި ވެކްސިން ފޯރުކޮށްދެވިފައި ނުވާކަމަށާއި، އަދި ދުނިޔޭގެ ކަންކޮޅުތަކަށް ފަސޭހަކަމާއެކު ވެކްސިން ފޯރުކޮށްދެވޭނެ މަގުވެސް އަދި ފަހިކުރެވިފައި ނެތް ކަމަށެވެ.
މިފަދަ ސަބަބުތަކާއެކު، ވެކްސިން ޕާސްޕޯޓެއް ތައާރަފްކޮށް، އެއް ގައުމުން އަނެއް ގައުމަށް ދަތުރުފަތުރުކުރާ މީހުންގެ އަތުގައި އެފަދަ ޕާސްޕޯޓެއް އޮތުމަށް އަދި މަޖުބޫރު ނުކުރާންވީ ވަރަށް ގިނަ ސަބަބުތަކާއި ކަންބޮޑުވުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ދަތުރުވެރިން ވެކްސިން ސެޓްފިކެޓް ނުވަތަ ވެކްސިން ޕާސްޕޯޓް ބޭނުންކޮށްގެން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ވާހަކަ ދައްކަމުންދާއިރު، ދުނިޔޭގެ ގައުމުތަކުގައި، އިމަޖެންސީ ވަގުތީ ހުއްދައިގެ ދަށުން މިހާރު ޖަހަމުންދާ ކޯވިޑް-19 ވެކްސިންގެ ސަބަބުން މީހާ ބަލިން ދިފާއުކޮށްދެނީ ކިހާ މުއްދަތަކަށްކަން އަދިވެސް ސާފުނުވާ ކަމަށާއި، އެކަމާގުޅޭ މައުލޫމާތު އަދިވެސް އެއްކުރެވެމުންދާކަން ޑަބްލިޔޫއެޗްއޯއިން ވަނީ ކުރިން ފާހަގަ ކޮށްފައެވެ.
ވެކްސިން ޖަހާފައިވާ ފަރާތްތަކުގެ ދަތުރުފަތުރަށް ޔޫރަޕިއަން ޔޫނިއަނުން "ގްރީން ކާޑެއް" ތައާރަފްކުރަން މަސައްކަތްފަށާފައިވާއިރު، އިނގިރޭސިވިލާތުގެ ސިއްހީ މާހިރުންވެސް ވެކްސިން ޕާސްޕޯޓް ތައާރަފް ކުރުމަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ސީއެންބީސީ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!