އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އެވަޓަންއާއި ޗެލްސީ ބައްދަލުކުރި މެޗު، ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިނެވެ.

Ad
rt

މި މެޗުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން މެޗުގެ 66 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓާފައިވާއިރު، އެވަޓަންގެ ގޯލާއި އަމާޒުކޮށް ޖުމްލަ 9 ހަމަލާވަނީ ފޮނުވާލާފައެވެ. އެވަޓަންއަށް ޗެލްސީގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ އެވަޓަންގެ ޑިފެންޑަރ ބެން ގޮޑްފްރޭއަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޗެލްސީގެ އެލަންސޯ އެވަޓަންގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ޗެލްސީގެ ޖަރުމަނު މިޑްފީލްޑަރ ހަވާޓްޒް ފޮނުވާލި ވަގުތު އެ ބޯޅަ އެވަޓަންގެ ގޯލަށް ވަދެފައިވަނީ އެ ޓީމްގެ ޑިފެންޑަރ ގޮޑްފްރޭގެ ފައިގައި ޖެހިފައެވެ. އޭގެ ފަހުން ވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ހުސް ފުރުޞަތެއް އެލަންސޯއަށް ވަނީ ލިބިގެން ގޮސްފައެވެ. އެލަންސޯ ފޮނުވާލި ބޯޅަ އެވަޓަންގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ލަނޑެއް ޖަހައި، ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ހަވާޓްޒްއަށް އެވަޓަނުގެ ގޯލްކީޕަރު ޕިކްފޯޑް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. ދެވަނަ ލަނޑަށް ފަހު ވެސް ޗެލްސީންވަނީ ނުރައްކާތެރި ހަމަލާތަކެއް އެވަޓަންގެ ގޯލަށް ފޮނުވާލާފައެވެ. މިގޮތުން ޓިމޯ ވާނާ، ޒޫމާ، ކަންޓޭގެ އިތުރުން މައުންޓް ފޮނުވާލި ހަމަލާތައް ވެސް މެޗުގައި މޮޅު ކުޅުމެއްދެއްކި އެވަޓަންގެ ގޯލް ކީޕަރ ޕިކްފޯޑް ވަނީ ދިފާއު ކޮށްފައެވެ.

ޗެލްސީގެ ކޯޗުކަމާ ޖަނަވަރީ މަހު ޓުޗެލް ހަވާލުވީއިރު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ ނުވަވަނާގައެވެ. ޓުޗެލް ހަވާލުވުމަށް ފަހު އެ ޓީމް ކުޅުނު 11 މެޗުގައި ވެސް ބަލިވެފައި ނުވެއވެ. މިގޮތުން ލީގުގައި އެ ޓީމް ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށް ތިން މެޗު ވަނީ އެއްވަރު ކޮށްފައެވެ.

މިވަގުތު ޗެލްސީއޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ. ޗެލްސީ ހަތަރުވަނާގައި އޮތީ 28 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި އެވަޓަން މިވަގުތު އޮތީ 27 މެޗުން 46 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަވަނާގައެވެ.