މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަގުތުން ދެއްކި މޭގަން މާކަލް އާއި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އިންޓަވިއު އެމެރިކާގެ 17.1 މިލިއަން މީހުން ބެލި ކަމަށް ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރު ބޭއްވި އޮސްކާގެ ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ލައިވް އިވެންޓެވެ. މިދިޔަ އަހަރުގެ އޮސްކާ 23.6 މިލިއަން މީހުން ބަލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި އިންޓަވިއުއަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާަލުކަން ވަނީ ލިބިފައެވެ.
މަޝްހޫރު ހޯސްޓް އޯޕްރާ ވިންފްރީ ނެގި މި އިންޓަވިއުގައި މޭގަން ވަނީ ޝާހީ އާއިލާގައި ނަސްލީ ތަފާތު ކުރުން ހުރި މިންވަރާއި އޭނާއާ ބެހޭގޮތުން މީޑިއާތަކުގައި ދޮގު މައުލޫމާތު ފެތުރުން ނުހުއްޓުވުނު ކަމަށް އަލި އަޅުއްވާލައިފައެވެ.
މީގެ އިތުރުން އާއިލާގެ ކަންކަން ހުރި ގޮތުން އަމިއްލައަށް މަރުވާން ބޭނުންވި ކަމަށްވެސް މި އިންޓަވިއުގައި މޭގަން ވަނީ ވިދާޅުވެފައެވެ. ހޭރީ ވަނީ އޭނާގެ ބައްޕަ އޭނާގެ އިތުބާރު ގެއްލުވާލައިފި ކަމަށް ވިދާޅުވެފައެވެ.
މި އިންޓަވިއު ގެނެސްދީފައިވަނީ އެމެރިކާގެ ސީބީއެސް ނެޓްވޯކުންނެވެ. އެ ނެޓްވޯކުން ބުނިގޮތުގައި އެމެރިކާގެ އެންމެ މަޝްހޫރު ފުޓްބޯޅަ މުބާރާތް، ސުޕަ ބޯލްވެސް އެހާ ގިނަ މީހުން ބަލާފައި ނުވެއެވެ.
މި އިންޓަވިއު އޮންއެއާ ކުރުމާއެކު ސޯޝަލް މީޑިއާގައި ހޭޝްޓެގް ހޭރީ އެންޑް މޭގަން އޯޕްރާ ވަނީ ޓްރެންޑުވާން ފަށައިފައެވެ. ގިނަ ބަޔަކު ދަނީ ޝާހީ އާއިލާއާ ގުޅޭގޮތުން ނުރުހުން ފާޅު ކުރަމުންނެވެ.
މޭގަން ވަނީ އޭނާ އާޗީއަށް ބަނޑުބޮޑު އިރު ދަރިފުޅުގެ ހަމުގެ ކުލައާ ގުޅޭގޮތުންވެސް ޝާހީ އާއިލާގައި މަޝްވަރާތައް ކުރެވުނު ކަމަށް ވިދާޅުވެފައެވެ. އެނާ ވިދާޅުވީ ދަރިފުޅު ކަޅު ނަމަ ޕްރިންސަކަށް ނުވާނެ ކަމަށް ބުނި ކަމަށެވެ.
މޭގަން އަކީ ކަޅު ނަސްލަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ ޝާހީ އާއިލާގައި ކައިވެނި ކުރި މި ނަސްލުގެ ފުރަތަމަ މީހާއެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގެ ގިނަ ބައެއްގެ ފާޑު ކިޔުމައި މީޑިއާތަކުގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
އޭނާގެ މި އިންޓަވިއުއާ ގުޅޭގޮތުން އަދި ޝާހީ އާއިލާއިން އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އެ ގައުމުގެ މީޑިއާތަކުން ވަނީ އެއީ ރާނީގެ އަގު ވައްޓާލައި ބަދަލު ހިފުމަށް މޭގަން ޖެއްސި ސްޓަންޓެއް ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!