ސްޕެނިޝް ލަލީގާގައި އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމް ކަމުގައިވާ އެތުލެޓިކޯ މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބައްދަލުކުރި "މެޑްރިޑް ޑާބީ" މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރި ވެގެންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 15 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މާކޮސް ލޮރެންޓޭގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދީފައިވަނީ ފޯވާޑް ލުއިސް ސުއަރޭޒްއެވެ. މިއީ މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަނަނަ ސުއަރޭޒް ލަލީގާގައި ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މި ހާފުގައި ވެސް ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތު ލިބިފައެވެ. މިގޮތުން އެތުލެޓިކޯގެ ކަރެސްކޯއަށް މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ހުސް ފުރުޞަތު ރެއާލްގެ ކީޕަރު ކޯޓުއާވަނީ ހުޝިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ސުއަރޭޒްއަށް ލިބުނު ހުސް ފުރުޞަތު ވެސް ރެއާލްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ރެއާލްގެ ވަލްވަޑޭ ފޮނުވާލި ބާރުހަމަލާ އެތުލެޓިކޯގެ ކީޕަރު ދިފާއުކުރިއިރު، އޭގެ ދެ މިނެޓްފަހުން ބެންޒެމާއަށް ލިބުނު ހުސްފުރުޞަތު ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮބެލްކް ވަނީ ދިފާއު ކޮށްފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ބެންޒެމާ ކާމިޔާބުކުރި ލަނޑުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒިދާން ބުނެފައިވަނީ މި މެޗުން މި ލިބުނު ޕޮއިންޓަކީ ލީގު ކާމިޔާބު ކުރުމުގެ ރޭހުގައި ދެމިއޮތުމަށް މުހިންމު ޕޮއިންޓެއްކަމަށެވެ. ލީގުގައި އަދި ގިނަ މެޗުތަކެއް އެބައޮތްކަމަށާއި އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ލީގު ހޯދުމަށް ބުރަކޮށް މަސައްކަތް ކުރާނެކަމަށެވެ. މި މެޗގެ ފުރަތަމަ ހާފުގައި ބޭނުންވި ގޮތަށް ނުކުޅެވުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. ޒިދާންގެ ކޯޗުކަމުގެ ދަށުން އެތުލެޓިކޯގެ ދަނޑުގައި ރެއާލް އަދި ބަލިވެފައި ނުވެއެވެ.

މި މެޗުން ލިބުނު ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ ދެވަނާގައި އޮތް ބާސެލޯނާއަށްވުރެ އެއްމެޗު މަދުންކުޅެ ތިން ޕޮއިންޓްގެ ލީޑެއްގައެވެ. އެތުލެޓިކޯއަށް 25 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ބާސާ އޮތީ 26 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި ރެއާލް އޮތީ 26 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.