މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންވާނީ ބަރާބަރަށް ނަމާދުކުރާ ކެނޑިޑޭޓުންނަށް ކަމަށް ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާތީ، 14 ދުވަހުގެ ސަންޕެންޝަނެއްގައި ހުންނެވި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސަރ، ޑރ. އިޔާޒް މި މޭރުމުން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

ޑރ. އިޔާޒް ވިދާޅުވީ، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުދޭއިރު، ވޯޓު ދޭން ޚިޔާރުކުރާ ކެނޑިޑޭޓުންނަކީ ބަރާބަރަށް ނަމާދު ގާއިމުކުރާ ފަރާތްތަކެއްކަން ޔަގީން ކުރަންވާނެ ކަމަށެވެ.

"މާތް ﷲ އަށް އަދާކުރަންޖެހޭ ހައްގު އަދާ ނުކުރި މީހަކު މީސްތަކުންގެ ހައްގެއް ވެސް އަދައެއް ނުކުރާނެ، އެމީހުން މިސްކިތައް ވަންނާނީ ޓޭޕް ދަމަން އެކަނި" ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް މިފަދައިން ނަސޭހަތްތެރިވެ ވަޑައިގެންފައިވާއިރު، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ.