އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި، "މެންޗެސްޓާ ޑާބީ" މެޗުގައި ޔުނައިޓެޑްއަތުން ސިޓީ ބަލިވެ އެ ޓީމް ލީގުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައިސްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ސިޓީ ނުކުތްއިރު އެ ޓީމް އޮތީ ރަނގަޅު ފޯމެއްގައެވެ. މި މެޗުން ޔުނައިޓެޑްގެ އަތުން ސިޓީ ބަލިވުމުގެ ކުރިން އެ ޓީމުން އެންމެ ފަހުން ކުޅުނު 21 މެޗުން ވެސް ވަނީ މޮޅުވެފައެވެ. ސިޓީ އެންމެ ފަހުން ލީގުގައި ބަލިވެފައިވަނީ ފާއިތުވި އަހަރުގެ ނޮވެމްބަރ 21 ގައި ޓޮޓެންހަމް އަތުންނެވެ. އެ މެޗު ޓޮޓެންހަމް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ.
ޔުނައިޓެޑް މި މެޗުގެ ކުރިން ލީގުގައި ކުޅުނު ތިން މެޗުގައި ވެސް 0-0 ގެ ނަތީޖާއިން އެއްވަރުވެފައި ވުމުގެ ސަބަބުން އެ ޓީމް އޮތީ އެންމެ ރަނގަޅު ފޯމެއްގައި ނޫނެވެ. ނަމަވެސް އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު 22 މެޗުން ވެސް ޔުނައިޓެޑް ބަލިވެފައިނުވާއިރު އޭގެ ތެރެއިން 14 މެޗު އެ ޓީމް ވަނީ ކާމިޔާބު ކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ތިރީހަކަށް ސިކުންތުގެ ތެރޭގައި ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޔުނައިޓެޑްގެ ފޯވާޑް އެންޓޯނީ މާޝިއަލް ބޯޅަ ހިފައިގެން ސިޓީގެ އޭރިއާގެ ތެރެއަށް ވަތްވަގުތު ސިޓީގެ ބްރެޒިލް ފޯވާޑް ޖީސަސް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޔުނައިޓެޑަށް ލީޑު ނަގައިދީފައިވަނީ ބްރޫނޯ ފެނާންޑޭޒްއެވެ.
މެޗު ފަށައިގެން ސިޓީއަށް ރަނގަޅަށް ހަމަޖެހި ނުލެވެނިސް ބައިކޮޅަށް ވަތްލަނޑާއިއެކު އެ ޓީމަށް ގޭމުގެ ތެރެއަށް ވަންނަން އުނދަގޫވެގެން ދިޔައެވެ. ނަމަވެސް ފުރަތަމަ ފަނަރަ ވަރަކަށް މިނެޓަށް ފަހު މެޗުގެ ކޮންޓްރޯލް ސުޓީން ވަނީ ހޯދާފައެވެ. ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ހުސް ފުރުޞަތެއް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ހޯދިފައި ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑުން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލު ކޮށްލާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޔުނައިޓެޑްގެ ޑިފެންޑަރ ލުކާ ޝޯއެވެ. މި ލަނޑާއިއެކު ސިޓީން ޓީމް ކުރިއަށް ޖައްސައި ގޯލްޖަހަން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މި މެޗުގައި ޔުނައިޓެޑުން ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ. މި މެޗުގައި ޔުނައިޓެޑްގެ ގޯލްކީޕަރ ޑީން ހެންޑަސަންގެ ފަރާތުން ވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވުމާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ސިޓީއާއި ދެވަނާގައި އޮތް ޔުނައިޓެޑާއި ދެމެދު އޮތް ފަރަގު ވަނީ 11 ޕޮއިންޓަށް ކުޑަވެފައެވެ. ސިޓީއަށް 28 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި ޔުނައިޓެޑް އޮތީ 20 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ޕޮއިންޓް ތާވަލުގެ ތިންވަނާގައި ލެސްޓާ ސިޓީ އޮތީ 28 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!