ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި އޮސަސޫނާ ބައްދަލުރި މެޗު ބާސާއިން ކާމިޔާބުކޮށް، މިވަގުތު ލީގުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ބާރު ބޮޑުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި އަހަރު ފެށުނުއިރު މިވަގުތު ލަލީގާގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާއާއި ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް އޮތެވެ. ނަމަވެސް ބާސާއިން މި އަހަރު ފެށުންފަހުން ލީގުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ބަލާއިރު އެ ޓީމް ލީގުގައި އެންމެ ފަހުން ކުޅުނު ސޯޅަ މެޗުގައި ވެސް ބަލިވެފައި ނުވެއެވެ. ބާސާ އެންމެ ފަހުން ލީގުގައި ބަލިބެފައިވަނީ ފާއިތުވިއަހަރު ޑިސެމްބަރ މަހު ކާޑިޒްގެ އަތުންނެވެ.

މި މެޗުގައި ވެސް ބާސާއިންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ބާސެލޯނާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. ބާސާގެ ކެޕްޓަން ލައިނަލް މެސީގެ ހިތްގައިމު ޕާހަކުން މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޑިފެންޑަރ ޖޯޑީ އަލަބާއެވެ.

ފުރަތަމަ ހާފުގައި އޮސަސޫނާއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ފޯވާޑް ރުބެން ގާސިއާ އަދި މިޑްފީލްޑަރ ބަރާހާ ފޮނުވާލި ދެ ހަމަލާ ވަނީ ބާސާގެ ކީޕަރު ދިފާއުކޮށްފައެވެ.

ބާސާއިން އިތުރަށް ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފުގައި ކުޅެން ނުކުތް އުމުރުން އެންމެ އަށާރަ އަހަރުގެ މޮރިބާ އިލައިޒް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭނާ ބާސާއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައިވަނިކޮށް އޭނާ ކާމިޔާބު ކޮށްފައިވަނީ މެސީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މި މެޗުން މޮޅުވުމާއިއެކު ބާސާއިން ވަނީ މިވަގުތު ލީގުގެ އެއްވަނާގައި އޮތް އެތުލެޓިކޯއާއި ދެ ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. އެތުލެޓިކޯއަށް ވުރެ ދެ މެޗު އިތުރަށް ބާސާއިން ކުޅެފައިވާއިރު ބާސާއަށް މިވަގުތު ދެވަނަ ލިބެނީ 26 މެޗުން ލިބުނު 56 ޕޮއިންޓާއިއެކުގައެވެ. މިވަގުތު އެއްވަނާގައި އެތުލެޓިކޯ އޮތީ 24 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް ނުކުންނާނީ މިވަގުތު ލީގުގެ ތިންވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައެވެ.

ބާސާއަތުން ބަލިވި އޮސަސޫނާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.