އެންމެ ނުރައްކާތެރި ފިތުނައަކީ ދީނީ ފިތުނަ ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ޚުތުބާއި އިތުރަށް ވިދާޅުވެފައިވަނީ ދީނީ ފިތުނައަކީ ﷲ ގެ އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިޙާނު ކުރެވޭ ފިތުނަ ކަމަށެވެ. އަދި މި އިމްތިޙާނުގައި ފެއިލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެން ދާނެކަމަށެވެ. ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުޞީބާތެކަމަށާއި އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅި ދާކަމަށެވެ.
ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފަހި ކުރުވާ ޝައިޠާނީ ޢަމަލެކެވެ. ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅި އަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުން ކުރެވޭ އެންމެ ބާރުގަދަ ވަސީލަތެވެ. ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް، ޚަބަރު ފަތުރާ ވަސީލަތްތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ. ޚަބަރުގެ ދޮގު ތެދު ބެލުމަށް އިސްކަން ދޭން ޖެހޭ ކަމުގައި މިއަދުގެ ޚުތުބާގައިވެއެވެ.
ﷲ ތަޢާލާ ހުޖުރާތު ސޫރަތުގެ ހަވަނަ އާޔަތުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގައި ވަނީ މިފަދައިންނެވެ. ތިޔަބައިމީހުންގެ ގާތަށް ފާސިޤުކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ، އޭގެ ދޮގުތެދު ބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެން ވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވެދާނެއެވެ."
މިއަދުގެ ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ ފިތުނައިން ސަލާމަތް ވެވޭނީ ހަމަބުއްދި ބޭނުންކޮށް،ރަނގަޅު ގޮތް ދެނެގަނެ، އެއަށް ތަބާ ވެގެންކަމަށެވެ. އަދި އެންމެން އެކީ، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ މެދުމިނުގެ ދީން ކަމުގައިވާ އިސްލާމް ދީންމަތިވެރި ކޮށްގެން ކަމަށެވެ. އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް ޖާގަ ނުދީ، އެމީހުންނަށް ނޫނެކޭ ބުނެގެން ކަމަށެވެ. ތަރައްޤީއަށާއި، ކުރިއެރުމަށް އޮތް މަގުތައް ކޮށައި، އެކަމުގައި ބައިވެރިވެގެން ކަމަށެވެ.
ދީން ހުއްދަކުރާ ކުޅިވަރު ކުޅުމަކީ ހުއްދަ ކަމެއް ކަމަށާއި ނަމަވެސް ކުޅިވަރާ މަޖަލުގައިޖެހި ﷲ ހަނދުމަކުރުމުން އެއްކިބާވެ ޤާފިލުވުމަކީ އެކަމުގައި ހައްދުފަހަނަ އަޅައި ދިއުންކަމުގައި މިއަދު ޚުތުބާގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!