މީގެ 10 އަހަރު ކުރިން 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީގައި ގެއްލުނު އަންހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
މި އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ ޖަޕާނުގެ މިޔާގީ ސަރަހައްދުގެ މޫދު ކައިރީގައި އޮއްވައެވެ. މަރުވިތާ ގިނަ ދުވަސްތައް ވުމުން މިހާރު ހުރީ އޭނާގެ ކަށިތައް އެކަނި ކަމަށް ވެސް އެ ގައުމުގެ ސިފައިން ވަނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
މި ކަށިތަކުގެ ޑީއެންއޭ ހެދުމަށްފަހު އެ ގައުމުގެ ފޮރެންސިކުން ވަނީ މިއީ 61 އަހަރުގެ ނަޓްސުކޯ އޮކްޔާމާ ނަމަކަށް ކިޔާ މީހެއްކަން ކަށަވަރު ކޮށްފައެވެ. މި އަންހެން މީހާ ގެއްލުނީ 11 މާރޗް 2011 ވަނަ ދުވަހު ސުނާމީގައެވެ.
މި ސުނާމީގައި މަރުވި މީހުންގެ އަދަދު 15،899 އަށް ވަނީ އަރައިފައެވެ. އަދި 2500 އަށްވުރެ ގިނަ މީހުން އަދިވެސް ނުފެންނަ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ޖަޕާނުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޮކުޔާމާގެ ފިރިހެން ދަރިފުޅު ވަނީ އޭނާގެ ކަށިތައް ހޯދި މީހާއަށް ޝުކުރު އަދާކޮށްފައެވެ. އަދި މީގެ ސަބަބުން އުއްމީދު ކަނޑާލައި ދިރިއުޅުމައިގެން ކުރިއަށްދާން ފަސޭހަވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މި ސުނާމީ ކާރިސާގައި ގެއްލުނު ގިނަ ބައެއްގެ އާއިލާތަކުން އަދިވެސް އުއްމީދު ކުރަނީ އެ މީހުން ދިރިތިބޭނެ ކަމަށެވެ. އެހެންކަމުން ގިނަ ބައެއްގެ ދިރިއުޅުން ހުއްޓީފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!