ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފަހު ޖާގަ ލެވަންޓޭ ބަލިކުރުމަށް ފަހު އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ބިލްބާއޯގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ ބުރާސްފަތި ދުވަހުގެ ރޭ ލެވަންޓޭގެ ދަނޑު ކުޅުނުއިރު މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ބިލްބާއޯއިންނެވެ. ބިލްބާއޯއަށް ފައިނަލުގެ ޖާގަ ލިބިގެން ގޮސްފައިވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
އެތުލެޓިކް ބިލްބާއޯ މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމާއި ގުޅިގެން އެ ޓީމަށް ކުރިއަށް އޮތް އެޕްރީލް މަހު މި މުބާރާތުގެ ދެ ފައިނަލް ކުޅެން ޖެހޭނެއެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ފާއިތުވި ސީޒަން މެދުކަނޑާލިއިރު އެ ސީޒަންގެ ފައިނަލް މެޗު ކުޅެފައި ނުވެއެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުރިއަށް އޮތް އެޕްރީލް މަހުގެ ތިންވަނަ ދުވަހު ސެވިއްޔާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗުގައި ބިލްބާއޯ ބައްދަލު ކުރަންޖެހޭނީ ރިއާލް ސޮސިއެޑާޑްއާއެވެ.
މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު އޭޕްރިލް 17 ގައި ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މި އަހަރުގެ މުބާރާތުގައި ބިލްބާއޯ ބައްދަލު ކުރަންޖެހޭނީ މި މުބާރާތް އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ބާސެލޯނާއާއެވެ.
މި ދެ ފައިނަލް މެޗަކީ މިވަގުތު ބިލްބާއޯއަށް ކޯޗު ކޮށްދެމުން އަންނަ މާސެލީނޯއަށް ވަރަށް ހާއްސަ ދެ މެޗެވެ. 2018-19 ސީޒަންގެ ކޮޕަ ޑެލްރޭގެ ޗެމްޕިއަންކަން ބާސެލޯނާ ބަލިކުރުމަށް ފަހު ވެލެންސިއާ ކާމިޔާބު ކޮށްފައިވަނީ މާސެލީނޯގެ އިރުޝާދުގެ ދަށުންނެވެ. ވުމާއިއެކު ފާއިތުވި ސީޒަންގެ ފައިނަލާއި މި ސީޒަންގެ ފައިނަލް މެޗުގައި ބިލްބާއޯއަށް ކާމިޔާބު ކުރެވިއްޖެ ނަމަ މި މުބާރާތް މާސެލީނޯއަށް ޖެހިޖެހިގެން ތިންފަހަރު ކާމިޔާބު ކުރެވޭނެއެވެ.
ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ލެވަންޓޭއިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ރޮޖަރ މާޓީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބިލްބާއޯއިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު 30 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފޯވާޑް ރައުލް ގާސިއާއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމްގެ ފަރާތުން ވަނީ އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއިން ދެ ޓީމްވަނީ އެއްވަރު ވެފައެވެ. މި މެޗު ބިލްބާއޯ ކާމިޔާބު ކޮށްފައިވަނީ އެގްރިގޭޓް ނަތީޖާ 2-2 އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފަހު ހާފުގައި އެ ޓީމްގެ ސްޕެއިން މިޑްފީލްޑަރ އަލެކްސް ބަރެންގުއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!