މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ދިވެހިން ހޯދަން އިއުލާން ކޮށްފިއެވެ.

މި ފުރުސަތުގެ ދަށުން 254 ދިވެހިންނަށް ވަޒީފާ ދޭން އެ ކުންފުނިން ވަނީ ނިންމައިފައެވެ. އަދި ވަޒާފާއާއެކު ބޭނުންވާ ތަމްރީނުވެސް އެމްޓީސީސީން ދޭނެއެވެ.

Ad
rt

އެމްޓީސީސީ ޓަވަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ, އެމްޓީސީސީއަކީ އެއްފަހަރާ ގިނަ އަދަދެއްގެޕްރޮޖެކްޓު ހިންގާ ކުންފުންޏަކަށް ވާއިރު ސަރުކާރުގެ ވިސްނުމަކީ އެ ޕްރޮޖެކްޓުތަކުން ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން މިހުޅުވާ ފުރުސަތުގައި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ވެލްޑަރުންނާއި ކާޕެންޓަރުންނާއި މޭސަނުންގެ އިތުރުން މެކޭނިކަލް މީހުންނާއި އިންޖިނިއަރުން ނަގާނެ ކަމަށްއޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވިގޮތުގައި މި ވަޒީފާތަކަށް ނަގާ މީހުންނަށް 10,000ރ. އާ 25000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.

އެމްޓީސީސީން ވެލްޑަރުންގެ ވަޒީފާއަށް ނަގާ މީހުން ކްލާސް ވެލްޑަރުންނަށް ހެދުމަށް ރާއްޖެއިން ބޭރުން ތަމްރީނު ދޭން ވަނީ ނިންމައިފައެވެ. އަދިއިންޖިނިއަރުންނަށް ހޮވޭ މީހުންނަށް އެ ދާއިރާއަކުން ހާއްސަވުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މި ވަޒީފާތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން މާދަމާ އިން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށްބާއްވާ ވޯކްއިން އިންޓަވިއުތަކުގައި ބައިވެރިވެވޭނެއެވެ. މި އިންޓަވިއުތައް ކުރިއަށްދާނީ ހަފުތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ހަވީރު 5:00 އަށެވެ.

މި އިންޓަވިއުތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން, ޝަރުތު ހަމަވާ މީހުންނަށް ވަގުތުން ވަޒީފާ ހަމަޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެއިތުރުން އެމްޓީސީސީން ޕްރޮޖެކްޓުތައް ކުރިއަށްދާ ރަށްރަށުގެ މީހުންނަށް އެ ރަށެއްގައި ހުންނަ އެމްޓީސީސީގެ ސައިޓަށް ގޮސް އެތަނުގެ މެނޭޖަރަށް ލިޔުންތައްހުށަހެޅޭނެއެވެ. އަދި އޮންލައިންކޮށާއި އެމްޓީސީސީ ޓަވަރުގެ ތިން ވަނަ ފަންގިފިލާއިންނާއި އެމްޓީސީސީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުންވެސް ފޯމުބަަލައިގަންނާނެއެވެ.

އާޒިމް ވިދާޅުވިގޮތުގައި މި ވަޒީފާތަކަށް ދެ ޖިންސުގެ މީހުންނަށްވެސް ކުރޮމަތިލެވޭނެއެވެ.

އެމްޓީސީސީގައި މިހާރު ވެސް 2183 މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، އެ ކުންފުނިން މިވަގުތު ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 50 މަޝްރޫއެއްއަންނަނީ ހިންގަމުންނެވެ. އަދި 21 މަޝްރޫއެއް ކުރިއަށް އޮތް ދުވަސްތަކުގައި ފަށާއިރު އޭގެ ތެރެއިން 11 މަޝްރޫއެއްގެ މަސައްކަތް މާޗު މަހުގެ ތެރޭގައި ފަށާނެ އެވެ.