ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމަކަށް "ކޯވިޑް-19 ދިފާޢު" ވެކްސިން ކެމްޕެއިނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ އެއަރ ފޯސްގެ ޞިއްހީ ދާއިރާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
23 މީހުންގެ މައްޗަށް އެކުލެވިގެންވާ މި ޓީމު، މިއަދުގެ ވަގުތެއްގައި މާލެ އަންނާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސްގެ އިސްނެންގެވުމުގެ މަތިން މި ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދަޢުވަތު އަރުވާފައި ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހުސްވި މަހު ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ، މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ބަންގްލަދޭޝް ޞިއްޙީ ޚިދުމަތްތެރިންގެ މިޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓްއިން، އަދި އެނެސްތިޒިއޮލޮޖިސްޓް އެކެވެ. އެ ޓީމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުތަކާއެކު، މާލެ ސިޓީގެ އިތުރުން އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ކުރިއަށް އޮތް ދެ މަސްދުވަހު ހަރަކާތްތެރިވާނެއެވެ. މި ޓީމުގެ އެހީތެރިކަމާއެކު، ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނުގެ ދަށުން، މާރިޗު 2 ވަނަ ދުވަހުގެ ނިޔަލަށް 123،665 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!