ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ޑިފެންޑަރ ރަފޭލް ވަރާނޭ ބޮލުން ފޮނުވާލި ބޯޅަ ސޮސިއެޑާޑްގެ ގޯލުގެ ހުރަސް ދަނޑިއަށް މަތިން ބޭރަށް ދިޔައިރު، އޭގެ ދެ މިނެޓް ފަހުން ރެއާލްގެ ފޯވާޑް މަރިއާނޯ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވެފައި ވަނީ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ސޮސިއެޑާޑުންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ޕޯޓޫއެވެ.

ބައިކޮޅަށް ވަތް ގޯލާއިއެކު މި މެޗުގައި ރެއާލްގެ ކުރިއަށް ކުޅެމުންއައި ތިން ކުޅުންތެރިން ޒިދާން ވަނީ 61 ވަނަ މިނެޓުގައި އެއްފަހަރާ ބަދަލު ކޮށްފައެވެ. އެސެންސިއޯ، މަރިއާނޯ އަދި އިސްކޯގެ ބަދަލުގައި ޒިދާންވަނީ ވިނިސިއަސް ޖޫނިއާ، ރޮޑްރިގޯ އަދި ހޫގޯ ޑުރޯ ކުޅެންނެރެ ސޮސިއެޑާޑްގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ.

މި މެޗުގެ ނަތީޖާ ރެއާލުން ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފަހު މިނެޓުގައި ވިނިސިއަސް ޖޫނިއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ބްރެޒިލްގެ ފޯވާޑް ވިނިސިއަސް ރެއާލްއަށް ކުޅެދިން 100 ވަނަ މެޗެވެ. ވިނިސިއަސްވަނީ ރެއާލަށް ކުޅެދިން ސަތޭކަ މެޗުގައި އެ ޓީމަށް ބާރަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި މެޗުން އެއްވަރު ވުމުން މިވަގުތު ރެއާލް އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ދެވަނާގައި މިވަގުތު އޮތީ 25 މެޗުން 53 ޕޮއިންޓް ހޯދައި، ފައިދާ ގޯލުން ކުރި ލިބިގެން ބާސެލޯނާއެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި 24 މެޗުން 58 ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ.