ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލައާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލިސްއަށް ހާޟިރުވެވަޑައިގެން ދެއްކެވިވާހަކަފުޅުގައި، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވި ވާހަކަފުޅެއް ކަމަށް ވިދާޅުވެ، މަޖިލިސްގައި ދެއްކެވީ އޮބާމާ ދައްކަވާފައިވާ ވާހަފުޅެއް ނޫން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ޖަލްސާގައި، މަލީޙްގެ އިތުބާރުގެ މައްސަލާގައި ބަހުސް ކުރައްވަމުން ރާޢީ ވިދާޅުވީ، އޮބާމާ ދެއްކެވި ވާހަކަފުޅެއް ކަމަށް ވިދާޅުވެ މަލީޙް ދެއްކެވި ވާހަކަފުޅުގައި ވަރަށްގިނަ ކުށް ހުރިކަމަށެވެ.

Ad
rt

''އަޅުގަނޑު އެންމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ، މި ތަނުގައި މިނިސްޓަރ ވިދާޅުވެދެއްވައިފި، ކުރީގެ އެމެރިކާގެ ޕްރެޒިޑެންޓް ބަރަކް އޮބާމާގެ ސްޕީޗެއް. އަޅުގަނޑު ފާހަގަކޮށްލަން، ސްޕީޗުގައި ދައްކާފައި ހުރި ވާހަކަތަކެއް ނޫން މަނިކުފާނު ދެއްކެވީ. ވަރަށް ބައިވަރު ކުށްތައް އެބައުޅޭ. އެހެންވީމާ، އަޅުގަނޑު ރިޔާސަތަށް އެދެން، އޮބާމާގެ ސްޕީޗް އިދާރާއިން މިނިސްޓަރ މަލީއާ ހަވާލުކޮށްދެއްވުމަށް'' ރާޢީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު ކަމުގެ މަގާމަށް މަލީޙް އައްޔަނު ކުރުމުން، މަޖިލިސްއިން އޭނާއަށް ރުހުން ދިން ދުވަހު، މަޖިލީހަކީ ހަކުރާގެ ކަމަށް މަލީޙް ވިދާޅުނުވާ ކަމަށެވެ.

''އަޅުގަނޑު މިނިސްޓަރ މަލީއަށް ސާފުކޮށްދޭން ބޭނުންވަނީ، މިއަކީ ހަނގުރާމައިގެ މައިދާނެއް ނޫން، އަދި ގުޅަކުޅޭ ފަސްގަނޑެއް ވެސް ނޫން. މިއަކީ އަޅުގަނޑު، އަދި ވަޒީރު މި ތަނަށް ހާޒިރުކުރި މިއަދު އަޅުގަނޑުމެން ބަނޑު މުސާރައަށް ބައްދާކަށް ވެސް ނޫން. ރާއްޖޭގެ މި ވާހަކަ އަޑުއައްސަވާ ކިޔަވާކުދިން، މިނިސްޓަރ މިއަދު ވިދާޅުވެއްދެއްވައިފި، މިނިސްޓަރގެ ދަރިފުޅު ދެއްކެވި ވާހަކަ. ފަހުމުވާންވީ، އަޅުގަނޑު ދަރިފުޅަށް އަޅުގަނޑަށް މި ބުނެދެނީ މިތަނުގައި ޒާތީ މައްސަލައެއް ނުހިނގާނޭ. މިއީ އިއްޒަތްތެރި މަޖިލީސް. މިތަނުގައި އަޅުގަނޑުމެން އެއްވެސް މީހެއްގެ ޒާތީ މައްސަލަ ނުހިނގާނެ، ޤައުމީ މަސައްކަތް ހިނގާނީ، އެހެންވީމާ، ކިޔަވާކުދިން ވެސް އަދި އަޅުގަނޑުގެ ދަރިފުޅު ވެސް އަދި މިތާ ތިބި އެހެން މެންބަރުންގެ ދަރުފުޅު ވެސް، ވަޒީރުންގެ ދަރިފުޅު ވެސް ވިސްނަންވީ މި ތަނަކީ މިއީ ޒާތީ ކަމެއް ހިނގާނެ ތަނެއް ނޫންކަން. މިއަކީ ބިރުވެރި ތަނެއް ނޫންކަން.'' ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ ވަރަށް އަވަހަށް އުފާވެރި ކަމުގެ ޚަބަރު ލިބޭނެ ކަމަށާއި. މިވެނިކަމެއް އެވެނިކަމެއް ވަނީކަމަށް ވަރަށްގިނައިން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި، އެހެން ވިދާޅުވަމުން ގެންދެވީ، ކޮން ޒާތެއްގެ ކޮން ވިސްނުމެއްގައި ކޮން ބޭފުޅަކު ބުނުއްވައިގެން، ކޮން މަޖުބޫރެއްވެގެންތޯ ސާފުކޮށްލަން ވެސް ބޭނުންފުޅުވާ ކަމަށެވެ.

ރާޢީ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، މިއަދުގެ ޖަލްސާގައި 59 މެންބަރުންގެ ވޯޓުން މިނިސްޓަރު މަލީހްގެ އިތުބާރުނެތްކަމަށް ފާސްކޮށް، އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ.