މިއަދު މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލާގައި، އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.
މިއަދު ހެނދުނު 830 ގައި އޮތް އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި މަލީހް މަގާމުން ވަކިކުރަން އެ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނީ އެ ގްރޫޕްގެ އިއްތިފާގުންނެވެ. މަލީހް ވަކިކުރަން ނެރެފައި ވަނީ ތްރީލައިން ''ގްރީން'' އެކެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ވެސް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުންނެވެ.
އެމްޑީޕީގެ 14 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ އެ މައްސަލައިގައި މަލީހަށް ގާނޫނީ ގޮތުން ދޭން ޖެހޭ ނޯޓިސް މަޖިލީހުން ފޮނުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
މަލީޙްގެ އިތުބާރުގެ މައްސަލަ މަޖިލިސްއަށް ވެއްދީ ހުސްވި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
މަލީޙް މަގާމުގައި ބަހައްޓަން ފެނޭތޯ މިއަދު މަޖިލިސްގައި ވޯޓަށް އަހާނެއެވެ. އަދި އޭނާގެ އިތުބާރުގެ މައްސަލާގައި، އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލިސްގެ އަޣުލަބިއްޔަތު ވޯޓުން އޭނާ އިތުބާރުނެތްކަމަށް ފާސްވެއްޖެ ނަމައެވެ.
އެމައްސަލާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން މަލީޙްގެ އިތުބާރުނެތްކަމަށް ފާސްކުރަން ތްރީލައިން ގްރީން ވިޕެއް ނެރެފައިވާއިރު، އެ ގްރޫޕްގައި 65 މެންބަރުން ތިއްބަވައެވެ.
މިމައްސަލާގައި މިއަދު މަޖިލިސްއަށް ވަޑައިގަންނަވާނީ މަގާމްގެ ދިފާއުގައި ނޫންކަމަށާއި، ވަޑައިގަންނަވާނީ ޤާނޫނުއަސާސީގެ މާއްދާ 27ގެ ދިފާއުގައި ކަމަށް ރޭ މިނިސްޓަރު މަލީޙް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!