އިޓާލިއަން ސީރިއާ އޭގައި އާދީއްތަ ދުވަހުގެ ރޭ، މި ވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އިންޓަ މިލާނުން އެ ޓީމް ކުޅުން މެޗު ކާމިޔާބު ކުރިއިރު ދެވަނާގައި އޮތް އެސީ މިލާން ވެސް އެ ޓީމް ކުޅުން މެޗު ކާމިޔާބުކޮށްފިއެވެ.

އިންޓަގެ އަމިއްލަ ދަނޑުގައި ގެނޯއާއާއި ބައްދަލުކުރި މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި އިންޓައިން ވަނީ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މެޗުގެ 32 ވަނަ ސިކުންތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެ ޓީމްގެ ބެލްޖިއަމް ފޯވާޑް ލުކަކޫއެވެ. މިއީ ލުކަކޫ ލީގުގައި ކާމިޔާބު ކުރި 18 ވަނަ ލަނޑެވެ. އިޓާލިއަން ސީރިއާ އޭ ގައި މިވަގުތު ލަނޑު ލިސްޓުގެ އެއްވަނާގައި 19 ގޯލާއިއެކު ޔުވެންޓަސް ފޯވާޑް ރޮނާލްޑޯ އޮތްއިރު ލުކަކޫ 18 ގޯލާއިއެކު އޮތީ މި ލިސްޓުގެ ދެވަނާގައެވެ.

މެޗުގައި އިންޓައިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެ ޓީމުން ވަނީ މެޗުގެ ދެވަނަ ހާފުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ދެވަނަ ލަނޑު 69 ވަނަ މިނެޓުގައި ލުކަކޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ މަޓެއޯ ޑާމައިންއެވެ. ތިނަވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންނުކުތް އެލެކްސިސް ސަންޗޭޒްއެވެ.

އޭސީ މިލާންއާއި ރޯމާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ މިލާނުންނެވެ.

ދެ ޓީމްގެ ފަރާތުން ވެސް އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މިލާނުންނެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ އައިވަރީކޯސްޓް މިޑްފީލްޑަރ ފްރޭންކް ކޭސީއެވެ. މި ޕެނަލްޓީއަކީ ރޯމާގެ ޑިފެންޑަރ ފެޑްރިކޯ ފަޒިއޯ ރޮމާގެ އޭރިއާގެ ތެރެއިން މިލާންގެ ކަލްބްރިއާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީދިން ޕެނަލްޓީއެކެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއް ލަނޑުން މިލާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ރޯމާއިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލާންގެ އޭރިއާގެ ތެރެއަށް ވަދެ މަތީކަނަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯޑަން ވެރެޓޯއެވެ.

މި މެޗުގައި އުކުޅުވަޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިލާންގެ ސްވިޑަން ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ބަދަލު ކޮށްފައެވެ. މި މެޗުން މިލާން މޮޅުވި ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ކޮރޭޝިއާ ފޯވާޑް ރެބިޗްއެވެ.

އިޓާލިއަން ސީރިއާ އޭގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އިންޓަ މިލާން އޮތީ ހަތަރު ޕޮއިންޓް ގެ ލީޑަކާއި އެކުގައެވެ. އެ ޓީމަށް 24 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، އޭސީ މިލާން ދެވަނާގައި އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ އަތުން ބަލިވި ގެނޯއާ މިވަގުތު އޮތީ އެ ޓީމް ކުޅުނު 24 މެޗުން ލިބުނު 26 ޕޮއިންޓާއިއެކު ތާވަލުގެ 13 ވަނާގައެވެ. މިލާން އަތުން ބަލިވި ރޯމާ މިވަގުތު އޮތީ ތާވަލުގެ ފަސް ވަނާގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.