ިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވެސްޓްހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތޭރަ ޕޮއިންޓްގެ ލީޑެއް މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

މިއީ ޕްރިމިއާ ލީގުގައި އެ ޓީމުން ޖެހިޖެހިގެން ކާމިޔާބުކުރި 14 ވަނަ މެޗެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ވެސްޓްހަމް މައްޗަށް އެ ޓީމުން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއިއެކު ސިޓީން ވަނީ އެ ޓީމް ހުރިހައި މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 20 މެޗު ވެސް ކާމިޔާބު ކޮށްފައެވެ.

Ad
rt

މި މޮޅަކީ ސިޓީއަށް ކޯޗުކޮށްދެމުން އަންނަ ޕެޕް ގާޑިއޯލާ މަތީ ފަންތީގެ ކޯޗިން ކެރިއާގައި ހޯދި 500 ވަނަ މޮޅެވެ. ބާސެލޯނާއާއި އެކު 179 މޮޅު އަދި ބަޔާން މިޔުނިކާއި 121 މޮޅު ގާޑިއޯލާ ހޯދާފައިވާއިރު، ރޭގެ މޮޅަކީ ސިޓީއާއިއެކު ގާޑިއޯލާ ހޯދި 200 ވަނަ މޮޅެވެ.

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ސިޓީންނެވެ. ކެވިން ޑި ބްރޫނާ ނަގައިދިން ހުރަހަކުން މި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ޖަހައިދިނީރުބެން ޑިއާޒްއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހޭމް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯއެވެ.

މެޗުން ސިޓީ މޮޅުވި ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ރިޔާދު މާރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްފައިވަނީ ސިޓީގެ ޑިފެންޑަރ ޖޯން ސްޓޯންސްއެވެ.

މި މެޗުން މޮޅުވުމާއިއެކު ސިޓީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތޭރަ ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އެ ޓީމަށް 26 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ޔުނައިޓެޑަށް 25 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. މެޗުން ބަލިވި ވެސްޓްހަމް މިވަގުތު އޮތީ 26 މެޗުން 45 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ.