ޔުއެފާ ޔޫރަޕާ ލީގުގެ ރައުނޑް އޮފް ސިކްސްޓީންގައި ޔޫރަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ އޭސީ މިލާނާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރަނެ ޖެހިއްޖެއެވެ.
މިލާނަށް މިހާތަނަށް ޔޫރަޕާ ލީގު ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް އެ ޓީމަކީ ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ކުލަބެވެ. މި ސީޒަންގައި އިޓާލިއަން ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މިލާން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. ޔުނައިޓެޑް ވެސް މި ސީޒަންގައި އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމް ވެސް މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. ޔުނައިޓެޑް ޔޫރަޕާ ލީގު އެއްފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން 2017 ވަނަ އަހަރުއެވެ.
މި މުބާރާތުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގެ މެޗުތައް 11 މާޗުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، 2019 ވަނަ އަހަރު ފައިނަލްގައި ޗެލްސީއަތުން ބަލިވި އާސެނަލް ބައްދަލު ކުރަން ޖެހޭނީ ގްރީސްގެ އޮލިމްޕިއާކޯސްއާއެވެ.
މި މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީންއަށް ކޮލިފައިވި އިނގިރޭސި ތިންވަނަ ޓީމް ކަމުގައިވާ ޓޮޓެންހަމް ބައްދަލު ކުރަންޖެހޭނީ ކޮރޭޝިއާގެ ޑައިނަމޯ ޒަގްރެބްއާއެވެ. އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރ ސްޓީވެން ޖެރާޑް ކޯޗުކޮށްދެމުން އަންނަ ސްކޮޓްލެންޑްގެ ރޭންޖާސް ބައްދަލު ކުރަން ޖެހޭނީ އިނގިރޭސި ވިލާތުގެ ލެސްޓާ ސިޓީ ކަޓުވާލުމަށް ފަހު ރައުންޑް އޮފް ސިކްސްޓީން އިން ޖާގަ ހޯދި ޗެކްރިޕަބްލިކްގެ ސްލާވިއާ ޕެރޫޖްއާއެވެ.
ނެދަލެންޑްގެ ޗެމްޕިއަން އަޔެކްސް ސްވިޒަލޭންޑްގެ ޔަންގް ބޯއީސްއާއި ބައްދަލުކުރަން ޖެހޭއިރު، ސްޕެއިންގެ ވިލަރެއާލް ބައްދަލުކުރަން ޖެހޭނީ ޔުކްރެއިންގެ ޑައިނަމޯ ކިއެވްއާއެވެ. އަދި އިޓަލީގެ ރޯމާއާއި ޔުކްރެއިންގެ ޝަކްތަ ޑޮނެސްކް ބައްދަލު ކުރަންޖެހޭއިރު، ސްޕެއިންގެ ގްރަނާޑާ ބައްދަލު ކުރަނެޖެހޭނީ ނޯވޭގެ މޯލްޑެ އެފްކޭއާއެވެ.
މި މުބާރާތުގެ ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 18 މާޗުގައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ސްޕެއިންގެ ސެވިއްޔާއެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ސެވިއްޔާއެވެ. އެ ޓީމުން މި މުބާރާތް ހަ ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!