ޖޯންސަން އެންޑް ޖޯންސަން (ޖޭއެންޑްޖޭ) އިން އުފެއްދި ވެކްސިންގެ އެއް ޑޯޒުން ކޯވިޑް-19އިން ރައްކާތެރިކަން ލިބޭނެކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނެފިއެވެ.
އެފްޑިއޭގެ ސައިންސްވެރިން ބުނާގޮތުގައި މި ވެކްސިނުން ކޯވިޑް-19އިން ރައްކާތެރިވުމުގެ 66 އިންސައްތަ ޔަގީންކަން ދޭއިރު އެންމެ ހާލު ދެރަ ބަލިތަކުން ރައްކާތެރިވުމަށް 85 އިންސައްތަ ޔަގީންކަން ދޭ ކަމަށެވެ. އެހެންކަމުން މި ވެކްސިންގެ އެއް ޑޯޒު ޖަހައިގެން ދުނިޔޭގައި ވެކްސިން ޖަހާ މިންވަރު އިތުރު ކުރެވޭނެކަމަށް ސައިންސްވެރިން ބުނެއެވެ.
މި ވެކްސިން ބޭނުން ކުރުމާ ގުޅޭގޮތުން އަދި އެފްޑީއޭއިން ވަކި ގޮތެއް ނުނިންމައެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ވެކްސިން ބޭނުން ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާނެއެވެ.
ޖޭއެންޑްޖޭ އިން ވަނީ 44،000 މީހުންނަށް ސިންގަލް ޑޯޒު ދީ ވެކްސިން ޓެސްޓު ކޮށްފައެވެ. މި ޓެސްޓު މަރުހަލާ ކާމިޔާބުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު ފެންނަ އާ ވޭރިއަންޓްތަކަށް މި ވެކްސިންއިން ރައްކާތެރިކަން ލިބޭނެކަން އަދި ކަށަވަރު ނުކުރެވެއެވެ.
އެމެރިކާގައި މިހާތަނަށް ކޯވިޑް ޖެހިގެން ފަސް ލައްކަ މީހުން ވަނީ މަރުވެފައެވެ. އަދި 44.5 މިލިއަން މީހުންނަށް ވެކްސިންގެ އެއް ޑޯޒު ޖަހާފައިވާއިރު 20 މިލިއަން މީހުންނަށް ދެ ޑޯޒު ވަނީ ޖަހައިފައެވެ. މިވަގުތު އެ ގައުމުގައި ދެމުން އަންނަނީ ފައިޒާ އާއި މޮޑާނާ ވެކްސިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!